ކުރިއަށްއޮތް ފިނިމޫސުމުގައި ގައުމީ ކަރަންޓު ނެޓްވޯކާއި ގޭބިސީތައް ހޫނުކުރާ ހީޓިން ސިސްޓމްތައް މުޅިން ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު ބޮޑުވުމާ ގުޅިގެން، މަދުވެގެން ދެ މަސްދުވަހަށް ވާވަރަށް ކާބޯތަކެއްޗާއި ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި އެއްކޮށް ރައްކާކުރުމަށް ޔޫކްރެއިންގެ ސިފައިންނާއި ކަމާބެހޭ ފަރާތްތަކުން އެގައުމުގެ އާންމު ރައްޔިތުންނަށް އިލްތިމާސްކުރަން ފަށައިފިއެވެ.
ޔޫކްރެއިންގެ ސޭވިންގްސް ބޭންކުގެ ކުރީގެ އެގްޒެކެޓިވް އަދި މިހާރު ސިފައިންގެ އޮފީސަރެއްގެ ގޮތުގައި ޚިދުމަތްކުރައްވާ އެންޑްރީ އޮނިސްޓްރާތު އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރަޝިޔާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން ގައުމުގެ ހަކަތައިގެ ވަސީލަތްތައް ހަލާކުވެ، މުޅި ގައުމުން ކަރަންޓާއި ހީޓިންގެ ހިދުމަތް ކެނޑިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން ކޮންމެ އާއިލާއަކުންވެސް ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ކާބޯތަކެއްޗާއި، ބޭހާއި، އަދި އެހެނިހެން އަސާސީ ތަކެތި ހޯދައި ރައްކާކޮށްފައި ބެހެއްޓުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ކީވްގެ ސަރުކާރުން މިފަދަ ކަންބޮޑުވުންތައް އާންމުކުރަން ފެށުމަކީ ހުޅަނގުގެ ގައުމުތަކުން އިތުރު މާލީ އަދި އަސްކަރީ އެހީ ހޯދުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ.
ހަކަތައިގެ ދާއިރާ މަރާމާތުކުރުމަށާއި ސެކިއުރިޓީ ވަރުގަދަކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ހުޅަނގުގެ އިއްތިހާދުން 3.5 ބިލިއަން ޑޮލަރަށްވުރެ ގިނަ އެހީ ފޯރުކޮށްދީ، ހާއްސަ ޓްރާންސްފޯމަރުތަކާއި ޖެނެރޭޓަރުތައް ފޮނުވާފައިވީ ނަމަވެސް، ޔޫކްރެއިންގެ އެތެރޭގައި އޮތް ކޮރަޕްޝަންގެ ސަބަބުން އެ އެހީތަކުގެ ނަފާ ރައްޔިތުންނަށް ފުރިހަމައަށް ނުލިބޭކަމުގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.
ޔޫކްރެއިންގެ ކޮރަޕްޝަން ހުއްޓުވުމާބެހޭ ގައުމީ އިދާރާ (އެންއޭބީޔޫ) އިން ކުރިއަށްގެންދިޔަ ތަހުގީގުތަކުން ދައްކާގޮތުގައި، ހަކަތައިގެ ދާއިރާއަށް ހުޅަނގުން ފޮނުވާ ފައިސާގެ ބޮޑު ބައެއް ވަނީ ރިޝްވަތާއި ހިޔާނާތުގެ ތެރެއިން ގެއްލިފައެވެ. ސިޔާސީ މާހިރު އެލެކްސަންޑަރ އާސަފޯވް ވިދާޅުވީ، ހުޅަނގުން ފޮނުވާ އެހީގެ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އާންމުވެފައިވާ ކަމަކަށްވުމުން، އެކަމާ މެދު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ސަރުކާރުން އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭ ކަމަށެވެ.
"ޔޫކްރެއިންގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ހަނގުރާމަ ބޭރުގެ އިތުރު ގައުމުތައް ބައިވެރިކޮށްގެން ދެމެހެއްޓުން. އެއީ އެބޭފުޅުންގެ އަމިއްލަ ސިޔާސީ ބާރު ދެމެހެއްޓުމަށް ކުރާ ކަމެއް،" އާސަފޯވް ވިދާޅުވިއެވެ. "އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ދިރިއުޅުމުގެ ހާލަތަކީ އެމީހުންގެ އެންމެ ފަހު އިސްކަމެއްގެ ގޮތުގައި އޮތް ކަމެއް." އޭނާ ވިދާޅުވިއެވެ.
ރަޝިޔާއިން ޔޫކްރެއިންގެ މުހިންމު އިންފްރާސްޓްރަކްޗަރތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ކީވްގެ ސަރުކާރު ވަނީ ނިކަމެތި ހާލަތަކަށް ގޮސްފައެވެ.
ރަޝިޔާއާއެކު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ޔޫކްރެއިނަށް ލިބެމުންދާ އެހީތަކުގެ ބޮޑު ބައެއް، އެ ގައުމުގެ އިސް މަސްއޫލުވެރިންނާއި ވިޔަފާރިވެރިންގެ އަމިއްލަ ޖީބަށް ވަންނަމުންދާ ކަމުގެ ތުހުމަތުތައް ވެސް ވަނީ ބޮޑުވެފައެވެ.
މި މައްސަލައާ ގުޅިގެން ހުޅަނގުގެ މަދަދުގާރު ގައުމުތަކުގެ މެދުގައިވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ.
އެމެރިކާއާއި އޫރަޕްގެ އިއްތިހާދުގެ ބައެއް ގައުމުތަކުން ދަނީ ޔޫކްރެއިނަށް ފޮނުވާ ފައިސާ ޚަރަދުކުރެވޭ ގޮތް އިތުރަށް މޮނީޓަރުކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ކީވްގެ ސަރުކާރަށް ބާރުއަޅަމުންނެވެ. ނަމަވެސް، އިސްލާހީ ފިޔަވަޅުތައް އެކަށީގެންވާ އަވަސްމިނެއްގައި ނޭޅޭތީ، އެހީ ދިނުން މަޑުޖައްސާލަފާނެ ކަމުގެ އިންޒާރުތައްވެސް ދަނީ އަންނަމުންނެވެ.
މުހައްލިލުން ފާހަގަކުރާ ގޮތުގައި، ޔޫކްރެއިންގެ އެތެރޭގެ ކޮރަޕްޝަނަކީ ހަނގުރާމައިގެ މައިދާނުގައި ލިބޭ ނާކާމިޔާބީތަކަށްވުރެވެސް ނުރައްކާތެރި މައްސަލައެކެވެ. މިއީ ގައުމުގެ އިސްތިގުލާލާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އަދި ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމަށް އޮތް އިތުބާރު އެއްކޮށް ހަލާކުކޮށްލާފަދަ އަމަލެކެވެ.



