އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތު ހަލުއި ކަމާއެކު ތަރައްގީވަމުންދާކަން ފާހަގަ ކުރެވެއެވެ. އިންޑިއާގެ އޭވިއޭޝަންގެ ސިނާއަތަކީ އެ ގައުމުގެ އިގްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ސިނާއަތެއް ކަމަށް ސަރުކާރުން ބުނެއެވެ.
އިންޑިއާގެ މެދުފަންތީގެ އާމްދަނީ އިތުރުވެ ދަތުރުތައް ކުރުން އިތުރު ވެފައިވާއިރު އެވިއޭޝަންގެ ދާއިރާއަށް 15 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަން ފާހަގަ ކުރެވެއެވެ. މި ލަފާކުރެވޭ ކުރިއެރުމަކީ އިންޑިއާގެ ޖީޑީޕީ ކުރިއެރުމާ ވަރަށް ގާތުން ގުޅިފައިވާ ކަމެއް ކަމަށް އިންޑިއާގެ ސިވިލްއެވިއޭޝަން މިނިސްޓްރީން ފާހަގަ ކުރެއެވެ.
އޭވިއޭޝަން ދާއިރާއަކީ ވިޔަފާރިއާއި ފަތުރުވެރިކަމާއި ވިޔަފާރިއަށް މަގުފަހިކޮށްދޭ މުހިންމު އިގްތިސާދީ ދާއިރާއެއްގެ ގޮތުގައި ހިދުމަތްކުރާ ދާއިރާއެއް ކަމަށް ވެސް ބުނެފައި ވެއެވެ.
އިންޑިއާގެ ޖީޑީޕީ އިތުރު ވުމަކީ، އާންމުންގެ އަތުގައި ޑިސްޕޯޒެބަލް އިންކަމް އިތުރުވުމާއި، ވިޔަފާރީގެ ހަރަކާތްތައް އިތުރުވުމާއި، ވައިގެ ދަތުރުފަތުރަށް ޑިމާންޑް ބޮޑުވުމެވެ. އިންޑިއާގެ އިގްތިސާދު ފުޅާވަމުންދާއިރު، ވައިގެ މަގުން އިތުރު މީހުން ދަތުރުކުރާނެ ކަމަށް ބެލެވޭތީ، އިތުރު ފްލައިޓްތަކާއި އެއާޕޯޓްގެ އިންފްރާސްޓްރަކްޗާ އާއި އެއާލައިންތަކުގެ ހިދުމަތްތަކަށް ޑިމާންޑް ބޮޑުވެގެންދާނެއެވެ.އަދި އެކަމަށްވެސް އިންޑަސްޓްރީން ދަނީ ތައްޔާރު ވަމުންނެވެ.
އޭވިއޭޝަން ސިނާއަތުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިއާގެ ޖީޑީޕީ ކުރިއެރުން ގާތްގަނޑަކަށް 7% އާއި 8% އަށް އަރާނަމަ އޭވިއޭޝަން ދާއިރާ ނިސްބަތުން ފުޅާވެ، ވަޒީފާ އުފެދި އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެއެވެ.



