ޗައިނާގައި ބިދޭސީންނަށް އަމާޒުކޮށް ހިންގާ އަނިޔާވެރި ހަމަލާތައް އިތުރުވަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ޗައިނާގައި ގައުމިއްޔަތުގެ ޝައުގުވެރިކަން އިތުރުވަމުންދާއިރު، ބިދޭސީންނަށް އަމާޒުކޮށް އަނިޔާވެރި ހަމަލާތައް ހިންގުން އިތުރުވަމުންދާ ކަމަށް ބައިނަލްއަގުވާމީ ރިޕޯޓުތަކުން ފާހަގަކޮށް، މި ހަމަލާތަކުގައި ގިނަ ފަހަރަށް މީހުން މަރުވާ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.
މި ހަމަލަތައް ޚާއްޞަކޮށް ޖަޕާނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެވެއެވެ. އަދި މިފަހަކަށް އައިސް މިފަދަ ހަމަލާތައް އިތުރުވަމުންދާ ކަމަށް ބެލެވެއެވެ. މިގޮތުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، 1931 ވަނަ އަހަރު މަންޗޫރިއާއަށް ޖަޕާނުން އަރައިގަތް އަހަރީ ދުވަހާ ދިމާކޮށް، ޖަޕާނުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލާފައިވެއެވެ. މީގެ އިތުރުން 2024 ވަނަ އަހަރުގެ ޖޫން މަހު ސޫޒޯ ސިޓީގައި ޖަޕާނުގެ މަންމައަކާއި ދަރިއަކަށް ވެސް ހަމަލާއެއް އަމާޒުކޮށްފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން ޗައިނާގެ ބައެއް ރައްޔިތުން ހިތާމަ ފާޅުކޮށް އިހުތިޖާޖުކުރި ނަމަވެސް، އިޖުތިމާއީ ވިއުގަ ވެއިބޯގައި ބައެއް މީހުން ވަނީ މި ހަމަލާތައް ޖަސްޓިފައިކޮށްފަ އެވެ. އަދި އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ބަދަލު ހިފުމެއްކމަށްވެސް ސިފަ ކޮށްފައެވެ.
މިފހަކަށް އައިސް، ޖަޕާނުގެ ރައްޔިތުންގެ އިތުރުން އެހެން ބިދޭސީންނަށް ވެސް މިފަދަ ހަމަލާތައް އަމާޒުކުރެވެމުންދާ ކަމަށް ބެލެވެއެވެ. މިގޮތުން 2024 ވަނަ އަހަރުގެ ޖޫން މަހު ޖިލިންގައި އެމެރިކާގެ ހަތަރު ޔުނިވަރސިޓީ އިންސްޓްރަކްޓަރުންނަށް ވަޅިން ހަމަލާދީފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އަދި 2020 ވަނަ އަހަރު ވޫހާންގައި ތިބި އެފްރިކާގެ ދަރިވަރުންނަށް ނަސްލީ ހަމަލާތަކެއްވެސް ކުރިމަތިވެފައި ވެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ބެއިޖިންގ އިން ޕްރޮޕެގެންޑާ، ތައުލީމު އަދި މީޑިއާ މެދުވެރިކޮށް ގައުމިއްޔަތުގެ ބާރު ހުއްދަކުރުމުން، ނަފްރަތު އުފެއްދުމަށް ބައެއް މީހުން މަސައްކަތްކުރަމުންދާ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ޗައިނާގައި ބިދޭސީން ދެކެ ބިރުގަތުން އިތުރުވަމުންދާ ކަމަށް ބެލެވެއެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނުން ހިންގި ޖަރީމާތަކަށް މައާފަށް އެދުނު ނަމަވެސް، ޗައިނާގެ ވާހަކަތަކުން އެކަންކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށް ވެއެވެ. އަދި އޮންލައިންކޮށް ކަޅުމީހުންނާ ދެކޮޅު ނަފްރަތުގެ ވާހަކަތައް އެއްވެސް ފާރަވެރިކަމެއް ނެތި ކުރިއަށްދާއިރު، އެއީ ރަސްމީކޮށް ދައްކާ އެއްބައިވަންތަކަމުގެ ވާހަކަތަކާ ފުށުއަރާ ކަމެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.



