އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.
މި މަސައްކަތުގެ ދަށުން ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ހަދައި ތަރައްޤީކުރުމާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގައު އަތުރައިގެން މަގު ހެދުމާއި ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރާނެއެވެ.
3 އަހަރާއި 11 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށް ހަވާލުކޮށްފައި ވަނީ 829 މިލިޔަން ރުފިޔާއަށެވެ.
ލިންކް ރޯޑުގެ މަސައްކަތުގައި ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި މަސައްކަތްކުރެވޭނެ ކަމަށެވެ. އަދި 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
މި މަސައްކަތާއެކު އައްޑޫ ފޭދޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އެ މަގުތަކުގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އާރުޑީސީން ކުރާނެ އެވެ.





