ވަކިވެގަތުމަށް އުޅޭ މީހުންނަށް ފޭދޫ މީހުން ބުނީ ސޮރީ އޭ!

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން، ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ ގިނަ ބަޔަކު ވަނީ އެ ދެ ރަށަށް ވަކި ކައުންސިލްތައް އުފެއްދުމަށް އާނބަސް ބުނެފައެވެ. ނަމަވެސް ފޭދޫގެ ރައްޔިތުން ބޮޑު އަޣުލަބިއްޔަތަކުން ވަނީ އެއްބައިވަތަންތަ ކަމީ ގަދަފަދަ ބާރެއް ކަމަށް ބުނަމުން އައްޑޫ ސިޓީން ވަކިވެގަތުމަށް ހިތްވަރުދިން ފަރާތްތަކަށް ނޫނެކޭ ބުނެފައެވެ.

މިއަދު ބޭއްވި މި ވޯޓަކީ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ވަކިކޮށް، ހުޅުދޫ، މީދޫ އަދި ފޭދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމަވައިގެން ނެގުނު ވޯޓެކެވެ. މިއީ ސިޓީ ކައުންސިލްތަކުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަގު ކޮށުމުގެ ގޮތުން ނެގުނު ވޯޓެކެވެ.

ފޭދޫގެ ނިންމުން: އެއް ކައުންސިލް ދަމަހައްޓަން

ފޭދޫގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ވަނީ ވަކި ކައުންސިލެއް ބޭނުން ނުވާ ކަމަށް ނިންމާފައެވެ. ގުނައި ނިމުނު އަށް ފޮށީގެ ނަތީޖާ ދައްކާ ގޮތުން ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ނުފެންނަ ކަމަށް 1782 މީހުން ވޯޓު ދީފައިވެއެވެ. އެއީ ވޯޓުލި މީހުންގެ 73.61 ޕަސެންޓެވެ. ވަކި ކައުންސިލެއް އުފެއްދުމަށް ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުން (25.40 ޕަސެންޓު) އެވެ. ފޭދޫގައި ވޯޓުލުމުގެ ހައްގު 4،368 މީހުންނަށް ލިބުނު އިރު، ރަޖިސްޓްރީކޮށްފައިވާ އާބާދީ އަކީ 5،810 އެވެ.

ހުޅުދޫ އާއި މީދޫ: ވަކި ކައުންސިލްތަކަށް ތާއީދު

އަނެއްކޮޅުން، ހުޅުދޫ އާއި މީދޫގެ ދެ ޖަޒީރާގެ ރައްޔިތުން ވަނީ ވަކި ކައުންސިލްތަކެއް ހެެދުމަށް ބޮޑު ތާއީދެއް ދީފައެވެ. ހުޅުދޫގައި ގުނައި ނިމުނު ހަ ފޮށީގެ ނަތީޖާ ދައްކާ ގޮތުން، ވަކި ކައުންސިލެއް އުފެއްދުމަށް 720 މީހުން (67.29 ޕަސެންޓު) ވޯޓު ދިނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުން (30.37 ޕަސެންޓު) އެވެ. މީދޫގެ ހަތަރު ފޮށި ގުނައި ނިމުނު އިރު، ވަކި ކައުންސިލެއް އުފެއްދުމަށް ފެންނަ ކަމަށް 841 މީހުން (83.93 ޕަސަންޓު) ވޯޓު ދިނިއެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުން (14.37 ޕަސަންޓު) އެވެ.

މި ވޯޓު ނެގުމަށް ޖުމްލަ 9،721 ވޯޓު ކަރުދާސް ޗާޕު ކުރެވުނުއިރު، ވޯޓުލުމަށް މާލެއާއި އައްޑޫގައި ޖުމުލަ 18 ވޯޓު ފޮށި ބެހެއްޓުނެވެ. މި ގޮތުން ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި އަދި ފޭދޫގައި ފަސް ފޮށި ބެހެއްޓުނެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ މި ތިން ރަށުގެ ރައްޔިތުންނަށް ވޯޓުލުމަށް 7 ވޯޓު ފޮށި ބެހެއްޓުނެވެ.

 

ހިއްސާ ކުރައްވާ!