އެމެރިކާ އޮތީ ހަނގުރާމަ ކުރެވޭ ފަދަ ހާލަތެއްގައެއް ނޫން: މީޑިއާ

މީހުންނާއި ވަޒަން ނެތުމުން އެމެރިކާ ސިފައިންނަށް ބޮޑު ހަނގުރާމައަކަށް ތައްޔާރު ނު ވެވޭނެ ކަމަށް އެމރިކާގެ މީޑިއާއިން ބުނެއެވެ. ޓެކްނޮލޮޖީގެ ގޮތުން މޮޅު ނަމަވެސް ސިފައިންނާއި ބޯޓުތަކާއި މަތިންދާބޯޓުތަކާއި ވަޒަންތަކުގެ ދަތިކަމުގެ ސަބަބުން ދިގު މުއްދަތަކަށް ހަނގުރާމައެއް ކުރަން އެމެރިކާގެ ސިފައިންގެ ތައްޔާރީ ހާލަތު ދަށްކަމުގެ އިންޒާރު އެމެރިކާ މީޑިއިން ދީފިއެވެ. މީޑިއާއިން ފާހަގަ ކުރާ ގޮތުގައި އެމެރިކާގެ ކަނޑުގެ ސިފައިން 1987 ވަނަ އަހަރު އޮތް ސައިޒުގެ ދެބައިކުޅަ އެއްބައި އަށް ވުރެން މިހާރު ވަނީ ކުޑަ ވެފައެވެ. އަދި ބަޑި ބޯޓުތަކާއި މަނަވަރުތައްވެސް ވަނީ މުސްކުޅިވެ، ދުވަސްވެފަ އެވެ.

ޔޫކްރޭނުން ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމައާއި ޔަމަނުގައި ހޫތީންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ފަދަ މިޒަމާނުގެ ހަނގުރާމަތަކުން ހާމަވަނީ ގިނަ އަދަދެއްގެ އަސާސީ އަދި ޒަމާނީ ވަޒަންތައް އެމެރިކާއަށް ބޭނުންވާ ކަމަށެވެ.

ޔޫކްރޭނުން ދުވާލަކު 15،000 އާޓިލަރީ ޝެލް ބޭނުންކުރާއިރު، އެމެރިކާއިން މަހަކު އުފައްދަނީ 40،000 ޝެލް އެވެ. އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއު ކުރުމަށް އެމެރިކާގެ ބޯޓުތަކަށް އެއް ރެއެއްގެ ތެރޭގައި ބޭނުންކޮށްފައިވާ އެސްއެމް-3 މިސައިލަކީ އެމެރިކާގެ އެއް އަހަރުގެ ޖުމުލަ އުފެއްދުމެވެ. އެ ސްޓޮކްވެސް މިހާރު ވަނީ ހުސްވެފައެވެ.

ޗައިނާ، ރަޝިޔާ، އީރާން އަދި އުތުރު ކޮރެއާގެ އިންޒާރުތަކާ ދެކޮޅަށް އަސްކަރީ ވަސީލަތްތައް އިތުރުކުރުމަށް ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަށް ސިފައިން އިލްތިމާސްކޮށްފައިވާއިރު، އަދަދުގެ ބޮޑު ކަމާއި ހަރަދުގެ ބޮޑުކަމުން އެކަމަށް އަދި ހިޔަނި އެޅިފައި ވެއެވެ.އެހެންވެ ޒަމާނީ ހަތިޔާރުތަކަށް ފޯކަސް ކުރުމުން ދިގު ހަނގުރާމައަކަށް އެމެރިކާ ސިފައިން ނުކުޅެދޭ ކަމަށް މީޑިއާއިން ބުނެއެވެ.

އަދި އެމެރިކާގެ އަސްކަރީ އުފެއްދުންތެރިކަން އިތުރުކުރުމަށް އަހަރުތަކެއް ނަގާނެ ކަމަށް ވެސް ލަފާ ކޮށްފައި ވެއެވެ. އެހެންވެ އެމެރިކާގެ ދިފާއީ ވުޒާރާއަށް  ކުރިމަތިވެފައިވާ ގޮންޖެހުން އިތުރުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހިއްސާ ކުރައްވާ!