ސްކޫލު ދަރިވަރުންނަށް ހިލޭ ނާސްތާ ދޭ ޕްރޮގްރާމުގެ ދަށުން މިހާރުވެސް 200 އެއްހައި ކުދިންނަށް ނާސްތާ ދެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަފީޢު އެވާހަކަ ހާމަކޮށްދެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެވުނު ސުއާލަށް ޖަވާބު ދެއްވަމުން، ވަޒީރު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވައުދުވެގެން ކުރިއަށް ގެންދިއުމަށް ފަށާފައިވާ މި ޕްރޮގްރާމަކީ އެހާ ބޭނުންތެރި ޕްރޮގްރާމެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
މި ޕްރޮގްރާމާ ބެހޭ ގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ ޤާނޫނުގައި ލިޔެފައި އޮތީ ކޮންމެ ކުއްޖަކަށް ނާސްތާ ދޭންވާނެ ކަމަށެވެ. ނަމަވެސް ފަހުން ނިންމާފައި ވަނީ ބޭނުންވާ ކުއްޖަކަށް ދޭގޮތަށް ކަމަށާއި "އެހެންވީމަ މިހާރު އަޅުގަނޑުމެން އެ ބޭފުޅުން ނިންމާފަ އޮތް ގޮތަށް، ބޭނުންވާ ކޮންމެ ކުއްޖަކަށް ނާސްތާ ދެމުން މިދަނީ" ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އަމަލުން ވަކު ގޮތަކަށް އެކަން ގެންގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އިތުރަށް ތަފްސީލު ކުރައްވަމުން ވިދާޅުވީ މުޅި ނިޒާމުގައި 80 ހާސް ދަރިވަރުން ތިބޭއިރު، ހެނދުނުގެ ސެޝަނަށް 60 ކުދިން ހާޒިރު ވާއިރު "ޔަގީނުންވެސް 1000 ކުދިންނެއް މި ޕްރޮގްރާމްގެ ތެރެއަކު ނެތް،" ނެތް ކަމަށެވެ.
ނާސްތާ ދިނުމަށް ފެށި ޕްރޮގްރާމަކީ ސޯލިޙުގެ ވެރިކަމުގައި 2019ގައި ފެށި ޕްރޮގްރާމެކެވެ. ވަރަށް ބާރުލާފައި ފެށި ޕްރޮގްރާމު މާގިނަ ދުވަސްތަކެއް ނުވެ ހުލިވިއެވެ.
އެހެންވެ، އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވީ އެ ޕްރޮގްރާމަކީ، ކޮމިއުނިޓީ ލެވެލްގައި އެހާ ބޭނުންތެރި ޕްރޮގްރާމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.


