އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަދި ވިލާ ކޮލެޖުގައި ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޑިޕްލޮމާ ކޯހެއް ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި އަށް މޮޑިއުލްގެ އިތުރުން ހަތަރު ވޯކްޝޮޕް ހިމެނޭނެއެވެ. މި ކޯސް ކުރިއަށްދާނީ މާލެއާއި އައިޔޫއެމްގެ ކެމްޕަސްތައް ޤާއިމުކުރެވިފައިވާ ރަށްރަށުގައެވެ.
މި ކޯހަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ކޯހެކެވެ. ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބުމުގެ އިތުރުން، މަހަކު 1,500 ރުފިޔާގެ ޕޮކެޓް މަނީއެއް ލިބޭނެއެވެ.
މި ކޯހުގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ޚާއްސަ ތަމްރީނު ލިބިފައިވާ ޓީޗަރުންގެ އަދަދު އިތުރުވެ، އެފަދަ ކުދިންނަށް ދެވޭ ތަޢުލީމީ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.
ސެން ޓީޗަރުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.


