އަލްކަޓްރާޒް ޖަލުގައި އެންމެ ނުލަފާ ކުށްވެރިން ބޭތިއްބުމަށް އަންގައިފި

އެމެރިކާގެ އެންމެ ނުރައްކާތެރި ކުށްވެރިން ބައިތިއްބަން އަލްކަޓްރާޒް ޖަލުން އަލުން ހުޅުވުމަށް ޓްރަމްޕް ނިންމަވައިފިއެވެ. އަލްކަޓްރާޒް އަކީ މީގެ 60 އަހަރު ކުރިން ބަންދުކުރި ކެލިފޯނިއާގެ ކުޑަ ފަރުބަދަ ޖަޒީރާއެކެވެ. އެ ޖަލުގައި ތިބޭނީ "އެމެރިކާގެ އެންމެ ރަހުމުކުޑަ އަދި އަނިޔާވެރި ކުށްވެރިން" ކަމަށް ޓްރަމްޕް އޭނާގެ އާއިލީ ކުންފުނީގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވިއެވެ. އަދި އެއީ ބޮޑު މުއައްސަސާއަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ސެން ފްރެންސިސްކޯގެ އައްސޭރިފަށުން ދެ ކިލޯމީޓަރު (1.25 މޭލު) ދުރުގައި ހުރި  މިޖަލަކީ އެންމެ 336 ގައިދީންގެ ޖާގައިގެ ޖަލެކެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު އެމެރިކާގެ އެންމެ ނުރައްކާތެރި ކުށްވެރިން ކިބައިން ގައުމު ސަލމަތް ކުރެއްވުމަށް އޭނާ ވަނީ އެވެރިން އެލްސެލްވަޑޯގެ ޖަލެއްގައި ބޭތިއްބުމަށް މަސައްކަތް ފަށާފައެވެ. އެކަމަށް ޝަރުއީ ދާއިރާއިން ދެކޮޅު ހެދުމާ ކުރިމަތި ލުމުން ޓްރަމްޕް ވަނީ މިހާރު އަލްކަޓްރާޒްގައި އެފަދަ މީހުންނަށް ހިޔާވަހިކަން ދިނުމަށް އަންގަވާފައެވެ.

ދުނިޔޭގެ ޖަލު އާބާދީ އެންމެ ގިނައީ އެމެރިކާގައެވެ. އަލްކަޓްރާޒް އަކީ 29 އަހަރު ވަންދެން ޖަލެއްގެ ގޮތުގައި ގެންގުޅުމަށްފަހު ހަރަދު ބޮޑުވުކަމުން 1963 ވަނަ އަހަރު ބަންދު ކުރި ޖަލެކެވެ. މިހާރު އެތަން ބަލާލަން ދަނީ ފަތުރުވެރިންނެވެ.

މި ތަނުގައި އެމެރިކާގެ އެންމެ މަޝްހޫރު ގުންޑާއިން ކަމަށްވާ އާލް ކެޕޯން ފަދަ މަޝްހޫރު ކުށްވެރިން ވަގުތު ހޭދަ ކުރިއެވެ.

ހިއްސާ ކުރައްވާ!