އެންގޯލާގެ ރައީސް ޖޯއާއޯ ލޯރެންކޯގެ ފުރަމާނާ ޒިޔާރަތަށްފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސެކްރެޓަރީ އިކޮނޮމިކް ރިލޭޝަންސް ދަމްމު ރަވީ ވަނީ އިންޑިއާގެ ރަހުމަތްތެރިންނަށް އެހީވާ ޚާއްސަ ސިޔާސަތުގެ ދަށުން އެފްރިކާއާއެކު ގުޅުން ބަދަހިކުރުމަށް އިންޑިއާއިން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ޗައިނާއިން އެފްރިކާގެ އެކި ކަންކޮޅުތަކުގައި ޕްރޮޖެކްޓްތައް ހިންގައި ބަނދަރު ހެދފުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އިންޑިއާއިން އަމާޒު ހިފަނީ އިންޑިއާގެ ޤާބިލުކަމުގެ ބޭނުން ހިފައިގެން އިންސާނީ ވަސީލަތްތައް ބިނާކޮށް ހުނަރު ދަސްކޮށްދިނުމާއި، ކުޑަ ޚަރަދުގެ ހައްލުތަކާއި، އިންސާނުންނަށް އަމާޒުކުރެވިފައިވާ ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދާށެވެ. މިއީ އެފްރިކާގެ ޤައުމުތަކުން އިންޑިއާގެ އަގު ވަޒަންކުރާ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޑިއާއިން މިކަންކަން ކުރަނީ ވާދަވެރި ނަޒަރަކުން ނޫން ކަމަށް ބުނެއެވެ.
އިތުރަށް އޭނާ ވިދާޅުވީ އިންޑިއާގެ އަމާޒަކީ ގައުމުތަކުގެ އިގްތިސާދީ ފުދުންތެރިކަމާއި ޤާބިލުކަން އިތުރުކުރުމާއި، އުމްރާނީ ތަރައްޤީއާއި، އިސްތިރާޖީ އިންވެސްޓްމަންޓްތަކަށް އަހައްމިއްޔަތުކަން ދިނުމެވެ. މިގޮތުން މިހާރުގެ އެފްރިކަން ޔޫނިއަންގެ ރައީސްކަން ކުރަމުންދާ އެންގޯލާއަކީ ތަރައްގީގައި އިންޑިއާގެ މުހިންމު ބައިވެރިއެކެވެ. ރަވީ ފާހަގަކުރެއްވި ގޮތުގައި އެންގޯލާއަކީ ސަރަޙައްދީ ލީޑަރޝިޕްގެ ދައުރެއް އަދާކުރާ ޤައުމެކެވެ. އަދި އިންޑިއާގެ މަޤްޞަދަކީ ދުނިޔޭގެ ދެކުނުގެ ޤައުމުތަކުގެ މެދުގައި، ޚާއްޞަކޮށް އެފްރިކާގައި އިންޑިއާގެ ތަރައްގީގެ މަސައްކަތް ވަރުގަދަކުރުމެވެ.
އެންގޯލާގެ ރައީސްގެ މި ޒިޔާރަތުގައި އިންޑިއާއިން ވަނީ އެންގޯލާގެ ދިފާޢީ ދާއިރާ ވަރުގަދަ ކުރުމަށް ހަތިޔާރު ގަތުމަށް 200 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހުއްދަކޮށްދީފައެވެ. އަދި ދަނޑުވެރިކަމާއި، ޘަޤާފަތާއި، ސަގާފީ ބޭސްވެރިކަމުގެ ދާއިރާތަކުގައި އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން، އެންގޯލާ ވަނީ އިންޓަރނޭޝަނަލް ސޯލާ އެލަޔަންސްގައި ބައިވެރިވެފައެވެ. މިއީ އިންޑިއާގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ކަމެކެވެ.
ދެ ޤައުމުންވެސް ވަނީ މިހާރުގެ ދުނިޔޭގެ ނިޒާމުގެ ހަގީގަތާ އެއްގޮތަށް އދ. ގެ ނިޒާމަށް އިޞްލާޙު ގެނައުމަށް ތާއީދުކޮށްފައެވެ. އަދި ލޯރެންކޯ ވަނީ ދުނިޔޭގެ ސިޔާސަތުގައި އިންޑިއާގެ ނުފޫޒު އިތުރުވަމުންދާކަމަށް ވިދާޅުވެ އެކަމަށް ތައުރީފު ކުރައްވާފައެވެ.





