އިންޑޯ-ޕެސިފިކް ސަރަޙައްދު ވަނީ ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރު ވުމުގެ ސަބަބުން އިތުރަށް ނާމާންވެފައި ކަމަށް އެމެރިކާގެ ސިފައިންގެ ޕެސިފިކްގެ އައު ކޮމާންޑަރު ޖެނެރަލް ރޮނަލްޑް ކްލާކް، ވިދާޅުވެއްޖެއެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކޮމާންޑް ކަމާ ހަވާލުވެވަޑައިގަތް ކްލާކަކީ 37 އަހަރުގެ ތަޖުރިބާކާރެކެވެ. އަދި، 106،000 މުވައްޒަފުންގެ ބެލެހެއްޓުން އޭނާގެ ޒިންމާގެ ދަށުގައިވާ ފަރާތެކެވެ.
އޭނާ އެންމެ ފަހުން ޕެސިފިކް ސަރަޙައްދުގައި ޚިދުމަތްކުރި ފަހުން 3 އަހަރު ފާއިތުވެފައި ވެއެވެ. އަދި، މި ސަރަޙައްދުގެ ޙާލަތު ވަނީ ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް ފާހަގަކުރެއްވިއެވެ.
ޗައިނާއިން އާންމުކޮށް ކުރިއަށްގެންދާ ސިފައިންގެ ތަމްރީންތަކުގައި ޓައިވާން ބްލޮކޭޑްކުރުމުގެ ސިމިއުލޭޝަންތައް ހިމެނޭ ކަމާއި، މިކަމަކީ އިތުރުވަމުންދާ ނުރައްކަލެއްގެ ނިޝާނެއް ކމަށް ދެކެވަޑައި ގަންނަވައެވެ. އަދި މީގެ ސަބަބުން ފެށިދާނެ ކަމަށް ބެލެވޭ ހަނގުރާމައެއް ހުއްޓުވުމަށްޓަކައި ސްޓްރެޓެޖިކް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ވޯލްސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަރވިއުގައި ވިދާޅުވިއެވެ.
ކްލާކް ވަނީ މި ދުވަސްވަރަކީ "އާދަޔާ ޚިލާފު ދުވަސްވަރުގެ ހާލަތަކަށް" ފެތޭ ޒަމާނެއް ކަމަށް ވިދާޅުވެ އަވަސް އަދި ހަލުވި ގޮތަކަށް، ގިނަ ދާއިރާތަކަށް ފެތޭ ޓާސްކް ފޯސްތަކާއި، ޓައިފޫން ފަދަ ޒަމާނީ މިސައިލް ސިސްޓަމްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ސިސްޓަމްތަކަކީ ކަނޑުބޯޓުތަކާއި، މަތިންދާބޯޓުތަކާއި، އަދި ޗައިނާގެ މައި ބިމުގެ އަމާޒުތަކަށް ވެސް ހަމަލާދެވޭ ފަދަ ސިސްޓަމްތަކެއް ކަމުގައި ވާން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައި ގަންނަވައެވެ.
މިހާރު އެފަދަ ދެ ޔުނިޓެއް ހަރަކާތްތެރިވަމުންދާއިރު، ތިންވަނަ ޔުނިޓެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ޔުނިޓްތަކުގެ މަޤްޞަދަކީ ދެކުނު ޗައިނާ ކަނޑުގެ ވާދަވެރި ޖަޒީރާތަކުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވެ، އިންޓެލިޖެންސް އެއްކުރުމާއި، ވައިގެ އަދި ކަނޑުގެ ބާރުތަކަށް އެހީތެރިވުމެވެ. މި ބަދަލާއެކު، އެމެރިކާގެ ސިފައިންގެ އަމާޒު ވަނީ ކުއްލި ހަމަނުޖެހުމާ ދެކޮޅަށް ހަނގުރާމަކުރުމުގެ ބަދަލުގައި، ޗައިނާގެ ސިފައިންގެ ބާރު އިތުރުވުމާއި އެންޓި-އެކްސެސް ސްޓްރެޓެޖީތަކާ ދެކޮޅަށް ހަލުވި އަދި ފެތުރިފައިވާ އޮޕަރޭޝަންތަކަށް ބަދަލުވެފައެވެ.
ތައިވާނަށް ޗައިނާއިން ހަމަލާދިނުމުގައި ދިމާވާނެ ގޮންޖެހުންތައް ބޮޑުކަމުގައި ވިޔަސް، ކްލާކް ދެކޭގޮތުގައި ޖަޕާނާއި، ދެކުނު ކޮރެއާ އަދި ފިލިޕީންސްއާއެކު އެމެރިކާގެ އެކުވެރިކަން ވަރުގަދަކުރުމަކީ މިކަމުގައި ދިފާއީ ގޮތެއްގައި ކުރަން ޖެހޭ ކަމެކެވެ.




