ޓްރަމްޕް ޓަވަރު އެޅުމަށް ދިމިޝްޤުން ބިން ދެއްވަން ޖައުލާނީ ތައްޔާރު

އެމެރިކާގެ ރައީސް ޓްރަމްޕްގެ އެންމެ ޚާއްސަ ސިފައަކީ އެމެރިކާގެ ކުރީގެ ރައީސުން ނުކުރައްވާ އާދަޔާ ޚިލާފް ކަންކަން ޓްރަމްޕް ކުރައްވާ ކަމެވެ. ތްރަމްޕަށް މަނާ ކަމެއް ނޯވެއެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތާ ޚިލާފަށް ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ވެސް ބައްދަލު ކުރައްވާފައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ބުނަނީ ސޫރިޔާގެ ޖައުލާނީ ރައީސާއި ޓްރަމްޕް ބައްދަލު ކުރެއްވުމުގައި ހުރަހެއް ނެތް ކަމަށެވެ.

ޖޮނަތަން ބާސް އަކީ ޓްރަމްޕްގެ ގާތް އެކްޓިވިސްޓެކެވެ. އޭނާ ވަނީ ޖައުލާނީ ރައީސްއާއެކު ދިމިޝްޤްގައި 4 ގަޑިއރު ވަންދެން ބައްދަލު ކޮށްފައެވެ.

އޭނާ މަސައްކަތް ކުރަނީ ޓްރަމްޕްގެ ރިޔާޟް ދަތުރުފުޅުގައި ޖައުލާނިއާ ޓްރަމްޕާ ބައްދަލު ކޮށްދެވޭތޯއެވެ.

ބާސް ބުނާ ގޮތުގައި ޖައުލާނީ ހުންނެވީ ދިމިޝްޤްގައި ޓްރަމްޕް ޓަވަރުގެ ނަމުން ޓަވަރެއް ބިނާ ކުރުމުގެ ވިޔަފާރި ޓްރަމްޕްގެ އާއިލާއަށް ދެއްވަން ތައްޔާރަށެވެ.

ލަފާ ކުރެވޭ ގޮތުގައި ޓްރަމްޕްގެ ދަތުރުފުޅުގައި ލުބުނާންގެ ޖޯޒެފް އައުން ރައީސާއި ޖައުލާނީ ރައީސާ ރިޔާޟްގައި ބައްދަލު ކުރައްވާނެއެވެ.

ޖައުލާނީ ބޭނުންފުޅު ވަނީ އެމެރިކާ ރައީސް ރުއްސައިގެން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ސޫރިޔާ އަލުން އާރާސްތު ކުރާށެވެ. އަދި ތެޔޮ ނެގުމުގެ ވިޔަފާރިވެސް ޓްރަމްޕަށް ދެއްވަން ޖައުލާނީ ތައްޔާރަށް ހުންނެވި ކަމަށް ބާސް ބުނެއެވެ.

ޓްރަމްޕްގެ ރިއާސަތުގައި އޭނާގެ އާއިލީ ވިޔަފާރި ޓްރަމްޕް އެސޯސިއޭޓްސް ދަނީ މެދުއިރުމަތީގެ ގައުމުތަކުން ބޮޑެތި ޑީލްތައް ކިހިލި ޖަހަމުންނެވެ.

ހިއްސާ ކުރައްވާ!