އެމެރިކާއިން ސޫރިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުން ސޫރިޔާއިން އެކަމަށ ްމަރުހަބާ ކިޔައިފިއެވެ. ޓްރަމްޕް އެކަން އިއުލާން ކުރެއްވީ މި ރޭ ސައޫދީ ވެރިރަށް ރިޔާޟްގައި ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
ޓްރަމްޕްގެ މި ނިންމުމުގެ މަޤްޞަދަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަނިޔާވެރި ވެރިޔާ ބަޝާރު އަލްއަސަދު ވައްޓާލުމަށްފަހު ވެރިކަމަށް އައި ޖައުލާނީގެ އާ ސަރުކާރަށް އެހީތެރިވުމެވެ. މި ދަތިތައް ނައްތާލުމުން ސީރިއާއަށް ބައިނަލްއަޤްވާމީ އެހީއާއި އިންވެސްޓްމަންޓް ލިބުމަށް މަގުފަހިވެ، އެ ޤައުމަށް ދިގު މުއްދަތުގެ ހަނގުރާމައިން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.
މި އިޢުލާނު ކުރުމުން ރިޔާޟުގައި އޮތް ސަޢޫދީ އިންވެސްޓްމަންޓް ފޯރަމެއްގައި އަޑުގަދަ އަތްތިލަބަޑި ޖަހައި މަރުޙަބާ ކިޔާފައިވެއެވެ. މިއީ އެ ސަރަޙައްދު ހަމަޖެހުމަކަށް އަންނާނެ ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ. މި ސިޔާސަތަށް ގެނެވުނު ބަދަލަކީ ގަލްފު ޤައުމުތަކާއެކު އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމަށް ޓްރަމްޕް ގެންގުޅޭ ސްޓްރެޓެޖީގެ ތެރެއިން އެއްކަމެވެ.




