އަލްޔަމަމާ ގަނޑުވަރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ސައޫދީ އެމެރިކާގެ ސަމިޓް ބާއްވަވައިފިއެވެ. ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ފުން ގުޅުން އިތުރަށް ބަދަހި ކުރުމަށް ވާހަކަ ދައްކަވާފައެވެ. އަދި ދެ ލީޑަރުން ވަނީ ދެގައުމުގެ ގުޅުންތައް މުރާޖައާ ކުރައްވައި، ސަރަހައްދީ އަދި ދުނިޔޭގެ ތަރައްގީތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެގައުމުގެ އެއްބާރުލުން ކުރިއަށް ގެންދިއުމަށް ސްޓްރެޓެޖިކް އިކޮނޮމިކް ޕާޓްނަޝިޕް ޑޮކިއުމަންޓުގައި ވެސް ދެ ބޭފުޅުން ވަނީ ސޮއިކުރައްވާފަ އެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އެނާޖީ އާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީއާ ދެމެދު ހަކަތައާ ބެހޭ އެމްއޯޔޫއެއް ހެދުމާއި ސައުދީ ޑިފެންސް މިނިސްޓްރީއާއި އެމެރިކާގެ ޑިފެންސް މިނިސްޓްރީއާ ދެމެދު ދިފާއީ ދާއިރާ ޒަމާނީ ކުރުމުގެ އެއްބަސްވުންތަކެއް އިއުލާން ކުރެއްވި އެވެ. އަދި އިތުރު އެއްބަސްވުންތަކުގެ ތެރޭގައި ސިއްހަތާއި މައުދަން ނެގުމާއި ޝަރުއީ ދާއިރާގައި އެއްބާރުލުން ދިނުމާއި މޫސުމާ ބެހޭ ކަންކަން މޮނީޓާ ކުރުމަށް ނާސާގެ އާޓިމިސް އައި މިޝަންގެ އެހީ ދިނުން ހިމެނެއެވެ. އަދި ސައޫދީ ރޯޔަލް ކޮމިޝަން ފޯ އަލްޢުލާއާއި އެމެރިކާގެ ސްމިތުސޮނިއަން އިންސްޓިޓިއުޝަން އާދެމެދު ސަގާފީ އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ސޮއި ކުރުންވެސް ހިމެނެއެވެ.
ސައުދީ އަރަބިއްޔާގެ މުހިންމު ވަޒީރުންނާއި އެމެރިކާގެ އޮފިޝަލުން ބައިވެރިވި މި ސަމިޓުގައި ސުލްޙާއާއި ހަމަޖެހުމާއި ސަލާމަތަށް ސަޢޫދީ އަރަބިއްޔާއާއި އެމެރިކާގެ ސްޓްރެޓެޖިކް ގުޅުން ބަދަހި ކުރުމަށް އެއްބަސްވެވުނެވެ.




