އެމެރިކާގެ ނިއުޔޯކުގެ ޖަލެއް ކޯޓު އަމުރެއްގެ ދަށުން ކޯޓުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ރައިކާ ޖަލަކީ، އެތާނގައި މީހުން މަރުވާ އަދި އިންސާނީ ހައްގުތައް ނިގުޅައި ގަންނަ ޖަލެކެވެ.
ނިއުޔޯކް ސިޓީގެ މޭޔަރާއި ބަންޑާރަ ނާއިބްވެސް ވަނީ ކޯޓުގެ އަމުރަށް އިހުތިރާމް ކުރާނެ ކަމަށް ބުނެފައެވެ.
70 ސަފްހާގެ އަމުރެއްގައި ގާޒީ ލައުރާ ޓެއިލާ ސްވެއިން ބުނެފައި ވަނީ 2027ގައި މި ޖަލު ބަންދުކުރުމަށް ގާނޫނުގައި ބުނާ ގޮތަށް އެކަން ގެންދަން ޖެހޭނެ ކަމަށެވެ. އަދި އެމުއްދަތުގައި ކޯޓުން ކަނޑައަޅާ މީހަކު ޖަލުގެ ކަންކަން ބަލަހައްޓަމުން ގެންދާނެ ކަމަށެވެ. މިހުކުމް އައިސްފައިވަނީ 2011 ވަނަ އަހަރު އެތައް ފަރާތަކުން ބައިވެރިވެގެން ކޮށްފައިވާ ދައުވާ އަކާ ގުޅިގެންނެވެ. ފަސް އަހަރުގެ ތެރޭގައި މިޖަލުގައި އެތައް ބަޔަކު ގޮތް ނޭނގޭ މަރެއްގައި މަރުވެފައި ވެއެވެ. މި ޖަލަކީ 7 ހާސް މީހުން ބަންދުކޮށްފައިވާ ޖަލެކެވެ.







