ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސަލްމާން ރަސްގެފާނު އިންތިޒާމްކޮށް ދެއްވި ރިޔާޟުގައި ބޭއްވި ގަލްފް-ޔޫއެސް މަހާސިންތާގެ ރިއާސަތު ބަލަހައްޓަވާފައެވެ. ސައޫދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށއި މެދުއިރުމަތީގައި ހަމަޖެހުން ގާއިމް ކުރުމަށް ގޮވާލައްވާފައެވެ. ވަލީއަހުދު ގޮވާލެއްވީ އަރަބިންގެ ސުލްހައިގެ އިސްނެގުމުގެ މަތިން ފަލަސްތީނުގެ ދާއިމީ ހައްލަކަށް ވާސިލު ވުމަށެވެ.
އޭނާ ވަނީ ސީރިއާއަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޓްރަމްޕް ނިންމި ނިންމެވުމަށް ތައުރީފު ކުރައްވާފަ އެވެ.
ވަލީއަހުދު ފާހަގަކުރެއްވީ ސަރަހައްދީ ހަމަޖެހުމަކީ އެމެރިކާއާއި ގަލްފްގެ ޤައުމުތަކަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. ސައޫދީ އެމެރިކާ ވިޔަފާރި ވަނީ 2024 ވަނަ އަހަރު 120 ބިލިއަން ޑޮރަށް އަރާފައިވާ ކަމަށެވެ. އޭނާ ވަނީ 2017 ވަނަ އަހަރުގެ ސަމިޓުގެ ނިންމުމުގެ މައްޗަށް ބިނާކޮށް، ގަލްފްގެ ގައުމުތަކުގެ ސަލާމަތީ ކަންކަން އިތުރުކުރުމަށާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ސަރަހައްދުގެ ގައުމުތަކުން ހިއްސާވާ ލަނޑުދަނޑިތަކަށް އަލިއަޅުވާލައްވާފައެވެ. އަދި އިގްތިސާދީ އެއްބާރުލުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ބާރުއެޅޭ، ހަމަޖެހޭ މާހައުލެއް ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާއިން ތާއީދުކުރާ ސުލްހަވެރި ގަރާރުތަކަށް ކަމަށާއި އޭގެ ތެރޭގައި ޔަމަނުގެ ސިޔާސީ މަޝްވަރާއާއި، ސައުދީ-އެމެރިކާގެ ތާއީދު އޮންނަ ޖިއްދާ އިނިޝިއޭޓިވް މެދުވެރިކޮށް ސޫދާނުން ހަނގުރާމަ ހުއްޓާލުމަށާއި، ލުބުނާނުގެ އިސްތިގުލާލު ދެމެހެއްޓުން ހިމެނެއެވެ. ވަލީއަހުދު ވަނީ ޓްރަމްޕްގެ ސުލްހައިގެ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެ، ޔޫކްރޭނަށް ސައުދީން މެދުވެރިއެއްގެ ދައުރު އަދާކޮށްދޭނެ ކަމަށް ވިދާޅުވެ އެކަން ހުށަހަޅުއްވާފައެވެ.
ޓްރަމްޕްގެ މި ދަތުރުފުޅުގައި އެމެރިކާގައި ސައުދީން 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް އެއްބަސްވެފައި ވެއެވެ. އަދި 142 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ އެއްބަސްވުމެއް އެމެރިކާއިން ވަނީ ސައޫދީއަށް ކަށަވަރުކޮށް ދީފައެވެ. ސަމިޓަށް ފަހު ޓްރަމްޕް ވަނީ ޤަތަރަށް ވަޑައިގެންފައެވެ.



