އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދޯހާއަށް ކުރައްވާ ދަތުރުފުޅުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ޑިޕްލޮމެޓިކް މަސައްކަތްތަކުގައި ގަތަރުން ދިން މުހިންމު އެހީތެރިކަމަށް ތައުރީފު ކުރައްވައި ފިއެވެ. އަދި އާ ނިއުކްލިއާ އެއްބަސްވުމަކަށް އައުމަށް އުންމީދު އޮތްކަމަށް ވިދާޅުވިއެވެ.
ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އާލަސާނީއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ޣައްޒާ ހަނގުރާމަ ނިންމާލުމަށާއި ސަރަހައްދުގައި ހަމަނުޖެހުން ކުޑަކުރުމަށް ބާރުއަޅުއްވާފައވެ.
ޓްރަމްޕާއި ޝެއިޚް ތަމީމް ވަނީ އެމެރިކާއާއި ގަތަރުގެ ދެގައުމުގެ ގުޅުމާއި، ސަރަހައްދީ ކަންކަމާއި، ސުލްހައާއި ހަމަޖެހުމަށް ގުޅިގެން ކުރާ މަސައްކަތްތައް މުރާޖަޢާ ކުރައްވާފައެވެ.
ގަތަރުގެ އަމީރު ވަނީ ސަރަހައްދީ ސުލްހައަށް ދެގައުމުގެ ލީޑަރުން ހިއްސާވާ ވައުދުތަކަށް އަލިއަޅުވާލައްވައި، ޓްރަމްޕަކީ "ސުލްހަވެރި މީހެއް" ކަމަށް ވިދާޅުވެފައެވެ. އަދި، ރަޝިޔާ އާއި ޔޫކްރޭންގެ ހަމަނުޖެހުން ފަދަ މައްސަލަތަކުގައި އެއްބާރުލުން ދެއްވާ ކަމށް ވިދާޅުވެ ތައުރީފް ކުރައްވާފައެވެ.
ދެ ގައުމުގެ ލީޑަރުން ސޮއިކުރެއްވި ތާރީހީ ވިޔަފާރިއާއި ދިފާއީ އެއްބަސްވުންތަކުގެ ތެރޭގައި ގަތަރު އެއާވޭސްއަށް ބޯޓު ގަތުމަށް 96 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރުން ހިމެނެއެވެ. އެއީ ޖެނެރަލް އިލެކްޓްރިކްގެ އެއަރޮސްޕޭސް އިންޖީނުތަކާއެކު 210 ބޮއިންގް 787 ޑްރީމްލައިނަރާއި އަދި 777އެކްސް މަތިންދާބޯޓު ގަތުމަށް ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. އެއިން އަހަރަކު 154،000 އަށް ވުރެ ގިނަ ވަޒީފާ އެމެރިކާގައު އުފެދޭނެއެވެ.
ޑިފެންސް ޑީލްތަކުގެ ތެރޭގައި ރޭތިއަންގެ އެއް ބިލިއަން ޑޮލަރުގެ އެންޓި ޑްރޯން ސިސްޓަމްތަކާއި ޖެނެރަލް އެޓޮމިކްސް އިން ގަތަރަށް ދެ ބިލިއަން ޑޮލަރުގެ އެމްކިޔު-9ބީ ޑްރޯންތައް ގަތުމުގެ އިތުރުން އަލްއުދައިދު އެއާ ބޭސް އާއި ކަނޑުގެ ސަލާމަތަށް 38 ބިލިއަން ޑޮލަރުގެ ހަތިޔާރު ހޯދުން ހިމެނެ އެވެ.
ވައިޓް ހައުސްއިން ވަނީ މަދުވެގެން 1.2 ޓްރިލިއަން ޑޮލަރުގެ އިގްތިސާދީ އެއްބަސްވުންތަކެއް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި 243.5 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތައް ހިމެނެއެވެ. މިއީ އެމެރިކާގެ ސިނާއީ ލީޑަޝިޕް ވަރުގަދަކޮށްދިނުމަށް އެހީވާނެ ކަންކަމެވެ.




