ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ ނަމުން ރަޖިސްޓްރީ ކޮށްފައިވާ ޖަމާއަތަކުން ޣައްޒާއަށް އެހީ ދިނުމަށް އިޒްރޭލުން ހުއްދަ ދީފިއެވެ.
ޖީއެޗްއެފް އަކީ އެމެރިކާ ސިފައިންގެ ތެރޭގައި ކުރިން އުޅެފައިވާ އަފްޣާނިސްތާނާއި އިރާގްގައި ހަނގުރާމަކޮށްފައިވާ ބަޔަކާއި އެކި ތަންތަނުން ހޮވާލާފައިވާ ކުލީ ސިފައިންގެ ބަޔަކު ވެގެން ޣައްޒާ މީހުންނަށް ކައްކައި ކާން ދިނުމަށް އުފައްދާފައިވާ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމުއިއްޔާއެއް ކަމަށް ބުނާ ޖަމުއިއްޔާއެކެވެ.
މިމީހުންގެ މަސައްކަތުގައި ހިމެނޭ ކަމަށް ބުނަނީ ކައްކައި ކާން ދިނުމާއި ސެކިއުރިޓީ ބެލެހެއްޓުމެވެ.
މިމީހުން ކަނޑައެޅިފައިވާ ތަންތާނގައި އެހީދުމަށް ކޭމްޕްތައް ހުޅުވާނެއެވެ.
މިއީ އަޑި ނޭނގޭ ޖަމާއަތެކެވެ. މިމީހުން މިއަހަރުގެ ކުރީކޮޅު ޖެނީވާގައި ރަޖިސްޓްރީ ކޮށްފައިވާ ކީއްވެގެން ކޮން ބަޔަކު އަންގައިގެން ކަމެއް ނޭނގެއެވެ.
މިއީ އިޒްރޭލުން ޣައްޒާގައި ހިންގަން ބޭނުންވާ ސިޔާސަތު ހިންގަން މަސައްކަތް ކުރާނެ ފަރާތެއް ކަމަށް ތުހުމަތު ކުރެވެއެވެ. ހަމާސްއިން މިމީހުންގެ މަސައްކަތަށް ދެކޮޅު ހަދައެވެ.
އެމެރިކާއިން ވަނީ މި ޖަމުއިއްޔާއިން ކުރަން އުޅޭ މަސައްކަތަށް ތާއީދުކޮށްފައެވެ. އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީފް ވިޓްކޮފް ވަނީ ބުދަ ދުވަހު ސަލާމަތީ މަޖިލީހުގައި ޖީއެޗްއެފްގެ މަސައްކަތާ ބެހޭ މައުލޫމާތު ދީފައެވެ.
މިމީހުންނަށް ފަންޑު ކުރަނީ ކޮން ބައެއް ކަމެއް ނޭނގެއެވެ.
އދން ބުނެފައި ވަނީ މިމީހުންގެ މަސައްކަތުގައި ބައިވެރި ނުވާނެ ކަމަށެވެ. އދއަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެހީ ދެވޭގޮތަށް އަމިއްލަ ވިއުގައެއް އޮންނަ ބައެކެވެ. ނަމަވެސް އިޒްރޭލުން ވަނީ އދ ބާކީ ކޮށްފައި ކުލީ ސިފައިންގެ ޖަމާއަތަށް ހުއްދަ ދީފައެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލްއާއި އެހެން ބައެއް އިންސާނީ ހައްގާ ބެހޭ ޖަމާއަތްތަކުން ބުނެފައި ވަނީ މިމީހުންގެ މަސައްކަތުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ފުރުސަތު އޮތަތީވެ، އެކަމާ މެދު ނުތަނަސްކަމެއް އޮތް ކަމަށެވެ.
މިމީހުން ޣައްޒާގައި ތިބޭނީ ކިހާ މުއްދަތަކަށް ކަމެއް ނޭނގެއެވެ.
މިމީހުން ބޭރުވާނެ ގޮތެއް ނޫނީ މިމީހުން ބޭރު ކުރެވޭނެ ގޮތެއް ނޭނގެއެވެ. މިމީހުން މަސައްކަތް ކުރާނީ ކޮން އޮނިގަނޑެއްގެ ދަށުން ކަމެއް ސާފެއް ނުވެއެވެ.
މިމީހުންގެ މަސއްކަތް އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯގެ ދަށުން ހުއްދަ ނުވާނެ ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިޒްރޭލުގެ ޔަހޫދީ ސަރުކާރުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި ފެނާއި ބޭހުގެ ހުރިހާ ސަޕްލައިއެއް ބަންދުކޮށްފައެވެ. ދުނިޔެއަށް އިއުލާންކޮށްގެން އެކަން ކޮށްފައިވާތާ މިހާރު ދެ މަސްދުވަސް ވެއްޖެއެވެ.
ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން އިން ބުނަނީ މި މަސް ނިމުމުގެ ކުރިން އެމީހުން އެހީދޭން ފަށާނެ ކަމަށެވެ.
މިމީހުން ޣައްޒާއަށް ދަނީ ހަތިޔާރާއި ހަތިޔާރު އެޅި އުޅަނދުތަކާއެކުގައެވެ.
އެމީހުން ހިންގާ އެހީ ދިނުމުގެ މުޅި އޮޕަރޭޝަންގެ 56 ޕަސެންޓަކީ ސަލާމަތީ ކަންކަމަށް ދާ ހޭދައެވެ.
ޖީއެޗްއެފް އުފައްދާފައި ވަނީ އަމިއްލައަށް ނިކަން ބޮޑު މީހެއްކަމަށް އިއުލާން ކޮށްފައިވާ ކުރިން ސިފައިންގެ ތެރޭގައި އުޅުނު ޖެކް ވުޑް ކިޔާ އެމެރިކާ މީހެކެވެ. މިމީހާއަކީ އެގްޒެކެޓިވް ޑިރެކްޓަރެވެ.
ޖީއެޗްއެފް އިން ބުނާ ގޮތުގައި ޣައްޒާގެ މުޅި އާބާދީއަށް ކާން ދޭން ސަލާމަތީ ޚަރަދު ތަކާއެކު އާބާދީގެ ކޮންމެ މީހެއްގެ ބޮލަކަށް ޖެހޭނީ 1 ޑޮލަރު 30 ސެންޓް ކަމަށެވެ. މި ފައިސާ ލިބެނީ ކިހިނެއް ކަމެއް ނޭނގެއެވެ. ނަމަވެސް އެމީހުންގެ މުއާމަލާތްތައް ދެފުށް ފެންނަ ގޮތަށް މާލީ އިދާރާ ގޯލްޑްމަން ސަކް މެދވެރިކޮށް ހިންގާނެ ކަމަށް ބުނެއެވެ.
އަދި 90 ދުވަހަށް ބޭނުންވާ އެހީ ލިބިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
މިމީހުން ފޯރުކޮށްދޭ ކާނާއިން މީހަކަށް ދުވާލެއްގެ މައްޗަށް ލިބޭނީ 1700 ކެލޮރީއެވެ. ދުނިޔެއިން އެއްބަސްވެފައިވާ މިންގަނޑަކީ މީހަކަށް ދުވާލެއްގެ މައްޗަށް 2100 ކެލޮރީ އެވެ.
މިމީހުން ކެލޮރީ ދަށްކޮށްފައިވަނީ، އިޒްރޭލުން ކަނޑައަޅާފައިވާ މިންގަނޑު މިންގަނޑަކަށް ބަލައިގެން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
އިޒްރޭލުގެ ޔަހޫދީ ސަރުކާރުން ފަލަސްޠީނު މީހުން ދުވާހަލަށް ނަގާ ކެލޮރީ ކޮންޓްރޯލު ކުރެއެވެ. އެގޮތުން ހަށިގަނޑަށް ހައިކެލޮރީ ލިބޭ ކާނާ ވެއްދުން މަނާކޮށްފައި ވެއެވެ. މިސާލަކަށް ޗޮކްލެޓަކީ އެއިން އެއް ބާވަތެވެ. އަދި ކޮތަނބިރި ފަތްވެއްދުންވެސް މަނާކޮށްފައި ވެއެވެ.؛ ނަމަވެސް އޭގެ ސަބަބު ސާފެއް ނޫނެވެ.





