ފާދިރީންނަށް ވާން ބޭނުން މީހުން މަދުވެ، ނަސާރާ ދީން ކިޔަވައިދޭ ކޮލެޖުތައް ބަންދު ކުރަނީ

އެމެރިކާގެ ނަސާރާ ދީން ކިޔަވައިދޭން ހިންގާ ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ކިޔަވަން ވަންނާނެ ދަރިވަރުންނެއް ނުލިބެއެވެ. އަދި އެތަންތަނަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެ ދަރަނިވެރި ވާން ފަށާފައި ވެއެވެ. ބައެއް ނަސާރާ ޔުނިވާސިޓީތައް ބަންދުކޮށް އަނެއް ބައި ޔުނިވާސިޓީތައް ނީލަމުގައި ވިއްކަން ފަށާފައި ވެއެވެ.

އެމެރިކާގައި، 2020 ވަނަ އަހަރުން ފެށިގެން ނަސާރާ ދީން ކިޔަވައިދިނުމުގެ މަސައްކަތުގައި އުޅުނު 79 މުއައްސަސާގެ ތެރޭން ދެބައިކުޅަ އެއްބައި ތަންތަން މިހާރު ވަނީ ހުއްޓާލާފައި ކަމަށް އެ ފަދަ މައުލޫމާތު ގެނަސްދޭ ހެޗިންގާ ރިޕޯޓުން ބުނެއެވެ. އެއީ އެމެރިކާ ސަރުކާރުގެ ޑޭޓާއަށް ބިނާކޮށް އެކުލަވާލާ ރިޕޯޓެކެވެ.

އެމެރިކާގެ ނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން ސްޓެޓިސްޓިކްސް އިން ދައްކާ ގޮތުގައި ނަސާރާ ދީނު ކިޔަވައިދޭ 3،893 މުއައްސަސާގެ ތެރޭން 849 މުއައްސަސާ ވަނީ ދަރިވަރުން ލިބުން ދަތިވުމާއި ދަރަނި ބޮޑުވުމާއި، އެކަށީގެންވާ މާލީ ތަނަވަސްކަމެއް ނެތުމުން ހުއްޓާލުމުގެ މަގުމަތީގައެވެ.

މަތީ ތައުލީމުގެ ޚަބަރު ގެނަސްދޭ އިންސައިޑް ހަޔަރ އެޑް އިން ބުނާ ގޮތުގައި 2023 ވަނަ އަހަރު އެކަނި ވެސް ނަސާރާ ދީން ކިޔަވައިދޭ 14 ކޮލެޖެއް ބަންދުކުރާނެ ކަމަށް އިއުލާން ކުރިއެވެ. މިއީ ދީން އުގަންނައި ދިނުމަށް 4 އަހަރުގެ ޑިގްރީ ޕްރޮގްރާމުތައް ހިންގައި ފާދިރީން އުފައްދައިދޭ މުއައްސަސާތަކެވެ.

އިންސައިޑް ހަޔަރ އެޑް އިން، ދީފައިވާ މައުލޫމާތުގައި ބުނަނީ ބަންދުކުރަން ނިންމި ޕެންސިލްވޭނިއާގެ ރޯމަން ކެތޮލިކް ދީން ކިޔަވައިދޭ ކެބްރިނީ ޔުނިވާސިޓީ ދަރަނި ވެރިވުމުންނާއި ކިޔަވަން ވަންނަ ކުދިންގެ އަދަދު 50 ޕަސެންޓަށް ދަށްވުމުން، އެ ޔުނިވަސިޓީގެ ކެމްޕަސް ގަނެފައި ވަނީ ވިލަނޯވާ ޔުނިވާސިޓީންނެވެ.

އޮހައިއޯގައި ކެތޮލިކް ދީން ކިޔަވައިދޭ ނޮޓްރެޑޭމް ކޮލެޖް ބަންދު ކުރީ ކިޔަވަން ވަންނާނެ ދަރިވަރުން ނުލިބިގެންނެވެ. 10 އަހަރު ތެރޭގައި އެ ޔުނިވާސިޓީއަށް ކިޔަވަން ވަންނަ ކުދިން 50 ޕަސެންޓަށް ދަށްވެފައި ވެއެވެ.

އަދި ނޯތު ކެރޮލައިނާގެ، އެޕިސްކޯޕަލް ކްރިސްޓިއަން ދީން ކިޔަވައިދޭ ސެއިންޓް އޮގަސްޓިންސް ޔުނިވާސިޓީ އަށް މަތީ ތައުލީމު ދޭ މުއައްސަސާއެއްގެ ގޮތުގައި އެކްރެޑިޓޭޝަން ގެއްލުމުގެ ސަބަބުން ބަންދު ކުރަން މަޖުބޫރު ވިއެވެ. ކުރިން 1،100 ދަރިވަރުން ކިޔަވަމުން ދިޔަ ޔުނިވާސިޓީ ބަންދު ކުރަން މަޖުބޫރުވީ ދަރިވަރުންގެ އަދަދު 200 އަށް ދަށްވުމުންނެވެ.

ބައެއް ނަސާރާ ދީން ކިތަވައިދޭ ޔުނިވާސިޓީ ތައް އެހެން ޔުނިވާސިޓީއާ އެއްކޮލުމުގެ މަސައްކަތްވެސް ހިނގަމުން ދެއެވެ. މިސާލަކަށް ކެތޮލިކް ކޮލެޖެއްގެ ގޮތުގައި ހިންގި އޮހައިއޯގެ އުރްސުލައިން ކޮލެޖް އާއި ޕެންސިލްވޭނިއާ ޔުނިވާސިޓީ އެއްކޮށްލުމަށް އެއްބަސްވެފައި ވެއެވެ.

އަލަބާމާގެ ސްޕްރިންގް ހިލް ކޮލެޖް އާއި މިސޫރީގެ ރޮކްހަރސްޓް ޔުނިވާސިޓީ އެއްކޮށްލުމަށް ހަމަޖެހިފައި ވެއެވެ.

ނަސާރާ ދީން ކިޔަވައިދޭ ސެއިންޓް އެމްބްރޫސް ޔުނިވާސިޓީ އާއި އަޔޯވާގެ މައުންޓް މާސީ ޔުނިވާސިޓީ އެއްކޮށްލުމަށް ހަމަޖެހިފައި ވެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަނުން ވަނީ ނަސާރާ ދީން ކިޔަވައިދޭ 30 އަށް ވުރެ ގިނަ މުއައްސަސާއަށް މާލީ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ލިސްޓުކޮށްފައެވެ.

ބައެއް ކްރިސްޓިއަން ޔުނިވާސިޓީތަކުން މުވައްޒަފުން މަދުކުރަމުން ގެންދެއެވެ:

ނިއުޔޯކް ސިޓީގެ ސެއިންޓް ފްރެންސިސް ކޮލެޖް އިން 25 ޕަސެންޓް ސްޓާފުން މަދުކޮށްފައި ވެއެވެ.

އެމެރިކާގެ އެންމެ ދުވަސްވީ ކެތޮލިކް ޔުނިވާސިޓީތަކުގެ ތެރެއިން އެއް ޔުނިވާސިޓީ ކަމަށްވާ މިސޫރީގެ ސެއިންޓް ލޫއީ ޔުނިވާސިޓީ އިން 20 މުވައްޒަފުން ވަކިކޮށް، ހުސް 130 މަގާމު އުވާލައި، ދަރަނި ކުޑަ ކުރުމަށް ބައެއް އިމާރާތްތައް ވިއްކާލާފައި ވެއެވެ.

ނިއުޔޯކްގެ ކްރިސްޓިއަން ރޮބަޓްސް ވެސްލިއަން ޔުނިވާސިޓީން 20 ޕަސެންޓް ސްޓާފުން މަދުކޮށްފައި ވެއެވެ. ދީން ކިޔަވައިދޭ ކޮލެޖުތަކުގައި ޓިއުޝަނުން އަހަރަކު އެވްރެޖްކޮށް 25،416 ޑޮލަރު ލިބެއެވެ. އެހެން އަމިއްލަ ނޮންޕްރޮފިޓް ޖަމިއްޔާތަކުން 16،510 ޑޮލަރު ލިބެއެވެ.

އެމެރިކާގައި ދިމާވެފައިވާ މައްސަލައަކީ ނަސާރާ ދީން ކިޔެވުމަށް ޝައުގުވެރިކަން ކުޑަ ވުމެވެ. 2010 އާއި 2021 އާ ދެމެދު ދީނާ ގުޅުންހުރި ކޮލެޖުތަކުގައި ކިޔަވަން ވަންނަ މީހުންގެ އަދަދު %1.2 ދަށްވެފައި ވެއެވެ.

ދީން ކިޔަވައިދޭ ތަންތަން ބަންދުކުރުމުން، ކޮންމެ ބަންދުވުމަކުން އެވްރެޖްކޮށް 265 ވަޒީފާ ގެއްލެއެވެ. އަދި ލޯކަލް ލޭބަރ އިންކަމްއަށް 14 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައްކައެވެ.

ހިއްސާ ކުރައްވާ!