ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ މުޙައްމަދު ޔޫނުސް، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ އިހުތިޖާޖުތަކާ ހެދި އިތުރުވަމުންދާ ޕްރެޝަރާއި، ސިފައިންގެ ވެރިޔާ ޖެނެރަލް ވަޤާރުއްޒަމާންގެ ހަރުކަށި އިންޒާރާ ގުޅިގެން އިސްތިއުފާ ދެއްވަފާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.
ބީއެންޕީއިން ބުނަނީ އިންތިޚާބު ބާއްވާނެ ސާފު މަގުޗާޓެއް ދައްކާށެވެ. އަދި ޖެނަރަލް ވަޤާރުއްޒަމާން ވަނީ ޑިސެމްބަރު މަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ބާރުއަޅުއްވާފައެވެ. ޔޫނުސްއަށް ތުހުމަތު ކުރެވެނީ އިންތިޚާބު ލަސްކުރުމާއި ސިފައިންގެ ކަންކަމުގައި ބެހިވަޑައި ގަންނަވާ ކަމަށެވެ.
ޔޫނުސްއާ ސިފައިންނާ ދެމެދު މައްސަލަ އުފެދުނީ މިޔަންމާއަށް އިންސާނީ އެހީގެ ކޮރިޑޯއެއް ހުޅުވާލުމަށް އެމެރިކާ އަޑީގައި އޮވެގެން ކުރި މަސައްކަތަށް ޔޫނުސް ބާރުއެޅުއްވުމާއި ސިފައިން އެކަމަށް ދެކޮޅު ހެދުމުންނެވެ. ސިފައިން ބަލާފައި ވަނީ އެއީ ބަންގާޅުގެ ސިޔާދަތަށް އަރައި ގަތުމަށް އެމެރިކާއިން ގެންގުޅޭ ހިންތާއެއް ކަމަށެވެ.
މިއަދު ޔޫނުސްގެ ސަޕޯޓަރުންނާއި ދަރިވަރުންގެ ލީޑަރުން ހުކުރު ނަމާދަށްފަހު ޑާކާގައި ސިފައިންގެ މަރުކަޒުގެ ސަރަހައްދަށް އަމާޒުކޮށްގެން އިހުތިޖާޖުތަކެއް ބޭއްވުމަށް ނިންމާފައި ވެއެވެ. މިކަމުގެ ސަބަބުން އަލުން ހަމަނުޖެހުން އުފެދިދާނެކަމުގެ ބިރު އުފެދިފައިވެއެވެ.
މި ގްރޫޕްތައް ބޭނުންކޮށްގެން ވެރިކަމުގައި ހުންނަވަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭ ޔޫނުސް ވަނީ އަވާމީ ލީގު މަނާކޮށް، އިސްލާހުތައް ލަސްކުރައްވާ ކަމަށް ބެލެވިފައެވެ. ޔޫނުސްގެ އިސްތިއުފާގެ އިންޒާރަކީ އާންމުންގެ ސަޕޯޓު ހޯދުމަށާއި ސިފައިން އަވަސް އިންތިޚާބަކަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވއެވެ.




