އެމެރިކާގެ މަޝްހޫރު ޓީވީ ތަރި އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަން، 4 ފަހަރު މަތިން މަސައްކަތް ކޮށްގެން ބާރ އެގްޒާމުން ފާސްވެއްޖެއެވެ. މި ބޭބީ ބަރ އެގްޒާމަކީ، އެކްރެޑިޓް ކޮށްފައި ނުވާ ލޯ ސްކޫލްތަކުގައި ޕާޓްޓައިމްކޮށް ލުއި ގޮތަކަށް ކިޔަވައިގެން ސަނަދު ނަގާ މީހުންނަށް ދެވޭ އިމްތިހާނެކެވެ.
މި އިމްތިހާނުގައި އަސާސީ ތިން ޤާނޫނީ މާއްދާއެއް ހިމެނެއެވެ. އެކަމަކުވެސް މިއީ އުދަގޫކަމަށް މަޝްހޫރު އިމްތިހާނެކެވެ.
އުސްތާޒް ކިމް ކާޑޭޝިއަންގެ މިކާމިޔާބިއަށް ފަހު އޭނާއަށް ކެލިފޯނިއާ ސްޓޭޓް ގެ ބާރ އިމްތިހާނު ހެދުމުގެ ފުރުޞަތު ލިބޭނެއެވެ. މިއިމްތިހާނަކީ އެމެރިކާގައި އޮންނަ އެންމެ އުނދަގޫ ޤާނޫނީ އިމްތިހާނުތަކުގެ ތެރެއިން އެއް އިމްތިހާނެވެ. މި އިމްތިހާނުގައި ޤާނޫނުގެ 14 ދާއިރާއަކުން މީހާގެ ފެންވަރު ބަލާނެއެވެ.
އުސްތާޒް ކިމް ކާޑޭޝިއަންއަށް މިކާމިޔާބީ ހާސިލު ކުރެވުނީ، 6 އަހަރު ވަންދެން ކިޔެވިފަހުންނެވެ. އޭނާއަށް ގާނޫނު އިލްމު ކިޔަވައި ދީފައި ވަނީ ޤާނޫނީ ވަކީލު ޖެސިކާ ޖެކްސަން ނަމަކަށް ކިޔާ މީހެކެވެ.
އުސްތާޒް ޖެސިކާ ޖެކްސަންއާއެކު ކާޑޭޝިއަން ވަނީ ހަފްތާއަކު 18 ގަޑިއިރު ކިޔެވުމުގައި ހޭދަކޮށްފައެވެ.
އުސްތާޒަށް ބާރ އެގްޒާމް ކާމިޔާބު ކަމާއެކު ނިންމާލެވުމުން، ބެވަރލީ ހިލްސް ހޮޓެލްގައި ކުޑަ ޙަފްލާއެއް ވެސް ބޭއްވިއެވެ. އަދި ގްރެޖުއޭޝަން ކެޕް އަޅައިގެން އެ ހޮޓަލުގައި ނަގާފައިވާ ފޮޓޯތައް އޭނާގެ މީސްމީޑިއާގައި ހިމަނާފައި ވެއެވެ.
އުސްތާޒް ޖެކްސަން ބުނަނީ، ކާޑޭޝިއަން ވަނީ ސަނަދު ނެގުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. އަދި އޭނާގެ ކިބައިގައި "އިންސާފަށް ޓަކައި ފަނޑިޔާރުކަން ކުރުމުގެ ގަދަ ޝައުޤެއް" ހުރިކަމަށް ވެސް ބުންޏެވެ.
އުސްތާޒް ކިމް ކާޑޭޝިއަންގެ ކާމިޔާބީއަށް އެމެރިކާގެ އިވާންކާ ޓްރަމްޕްވެސް ވަނީ ތަހުނިޔާ ކިޔާފައެވެ. އިވާންކާ ޓްރަމްޕް، ބުނީ އޭނާގެ އެންމެ ފެވަރިޓް ލޯޔަރަކީ މިހާރު އުސްތާޒް ކާޑޭޝިއަން ކަމަށެވެ.
ކިމް ކާޑޭޝިއަންގެ ބައްޕަ، ރޮބަރޓް ކާޑޭޝިއަން، އަކީވެސް ޤާނޫނީ ވަކީލެކެވެ. އަރްމީނިއާ ދަރިކޮޅުން ހިޖުރަކޮށްފައިވާ މަރުހޫމް ރޮބަރޓް މަޝްހޫރު ވެފައި ވަނީ 1995 ގައި އޯ.ޖޭ. ސިމްސަންގެ މައްސަލައިގައި ދިފާއީ ވަކީލަކަށް އުޅުމުންނެވެ.
އުސްތާޒު މިއީ ކިހިނެއް ކިޔޭ ލަގަބެއްތަ؟
އުޒްތާޒަކީ ފާރިސީ ބަހެކެވެ. އޭގައި އަންހެނުންނަށްވެސް ފިރިހެނުންނަށް ވެސް ކިޔޭނީ އުސްތާޒް އެވެ. އުސްތާޒާ އޭ ކިޔާ އެއްޗެއް ނޯވެއެވެ. އަރަބިން އުސްތާޒް ކިޔަނީ ޕްރޮފެސަރުންނަށް ނޫނީ މުދައްރިސުންނަށެވެ.
ނައިޖޭރިޔާއާއި ދެކުނު އިރުމަތީ އޭޝިއާގައި ދީނީ އިލްމު އުގަންނައި ދޭ މީހުންނަށް ވެސް ކިޔަނީ އުސްތާޒްއެވެ.
އިންޑިއާ ޕާކިސްތާންގައި މިއުޒިކާއި ފަންނުގައި ފުންނާބު އުސްމީހުންނަށް އުސްތާޒު ކިޔައި އުޅެތެވެ. މިސާލަކަށް އުސްތާޒު ޒާކިރު ހުސައިން، އުސްތާޒް ބިސްމިﷲ ޚާނެވެ.
ނޭދެވޭ މާނައެއްގައި އުސްތާޒްގެ ލަގަބު ބޭނުން ކުރަނީ އެންމެ ގައުމެއްގައެވެ. ސޫރިޔާގައި، ޚާއްސަކޮށް ސިފައިންގެ ތެރޭގައި ތާކުންތާކު ނުޖެހޭ މީހުންނަށް އުސްތާޒު ކިޔައި އުޅެއެވެ. ސޫރިޔާ މީހުން ކިޔާ އުސްތާޒް އިނގިރޭސިން މާނަ ކުރެވޭނީ (އިނގިރޭސި ބަހުން ކިޔާ؛ ޖެކްއޭސް)ގެ ގޮތުގައެވެ.
ގާނޫނީ ފަންނުގެ މީހުންނަށް އުސްތާޒު ކިޔާކަމަށް އެނގިފައި ވަނީ ދެ ގައުމެއްގައެވެ. އެއީ ދެކުނު އޭޝިއާގެ ޖަޒީރާ ގައުމެއްގައި އާއި ތުރުކީވިލާތުގައެވެ.
ތުރުކީވިލާތުގައި ގާނޫނީ ފަންނުގެ މީހުންނަށް އިހުތިރާމް ކުރުމުގެ ގޮތުން އިސްތަންބޫލް ބަރ އެސޯސިއޭޝަނުން 1967ގައި ފާސްކޮށްފައިވާ ގަވާއިދުގައި ވަނީ ގާނޫނީ ވަކީލުންނަށް އިޙުތިރާމު ކުރުމަށް އުސްތާޒް ކިޔުމަށެވެ. ޕާޓްޓައިމްކޮށް ގާނޫނީ އިލްމު ކިޔަވައިގެން އުސްތާޒުންނަށްވާ މީހުންވެސް މި ލަގަބުން އިސްތިސްނާ ކުރާހެނެއް ހިއެއް ނުވެއެވެ.






