ފަލަސްޠީނު ކުޑަކުދިން ބަނޑަށް ޖައްސާފައިވާއިރު ކަންބޮޑެއް ނުވޭ

އޭލިއާސް ރޮޑްރިގޭޒް ބަޑި ޖަހައި މަރާލާފައިވާ ޔަހޫދީ ދެމީހުންނަކީ، އިޒްރޭލުން ގަތުލުއާންމުގައި ޝަހީދުކޮށްފައިވާ އެތައް ހާސް މީހުންނެކޭ އެއްފަދައިން މުސްތަގްބަލަކަށް އުންމީދު ބަނދެގެން ތިބި ބައެކެވެ.

ޝަހީދުކޮށްފައިވާ ފަލަސްޠީނުގެ ލޯބިވެރިންނެކޭ އެއްފަދައިން މިމީހުންވެސް ދިޔައީ ދާދި އަވަހަށް ކައިވެނި އަގުދުކުރުމަށް ނިންމައި ހިވަފެން ދެކެމުންނެވެ.

އިޒްރޭލުން ބޮން އަޅައި ޝަހީދުކޮށްފައިވާ ދުނިޔޭގެ އަލިކަން ދެކެފައި ނުވާ އަދި ދުނިޔޭގެ އަލިކަން ދެކެފައިވާ ތުއްތު އެތައް ކުދިންނެކޭ އެއްފަދައިން މާދަމައެއް ނުފެނި މި ދެ ޔަހޫދީންވެސް މަރުވެ ދިޔައީއެވެ.

ޔުނިވާސިޓީ ޑިގްރީއަކާއި ތައުލީމަށް އުންމީދުކޮށްގެން ތިބި ފަލަސްޠީނު ކުދިން ޝަހީދުކޮށް އެކުދިންގެ ސްކޫލާއި ޔުނިވާސިޓީތަކަށް އިޒްރޭލު ނާޒީ ޒަޔަނިސްޓުން ބޮން އަޅައި އެކުދިންގެ މުސްތަގްބަލު ނަގައިލި ގޮތަށް މި ދެ ޔަހޫދީންގެ މުސްތަގްބަލުވެސް ވެއްޔާ މޮޑެވި ދިޔައީއެވެ.

ޔަހޫދީ މިއުޒިއަމް ކުރިމަތިން މަރާލި ދެ ޔަހޫދީންނަކީވެސް އިޒްރޭލު އެމްބަސީގައި މަސައްކަތް ކުރާ ދެމީހުންނެވެ.

ފިރިހެން މީހާއަކީ ނަސޯރާއަކަށް އުޅެފައި ޒަޔަނިސްޓު ޔަހޫދީއަކަށް ބަދަލު ވެފައިވާ މީހެކެވެ. އޭނާ ވަނީ ޔަހޫދީ ސިފައިންގެ ތެރޭގައި އުޅެފައެވެ. ފަލަސްޠީނުގެ ކުޑަ ކުދިން މެރުމަށް ތާއީދު ކޮށްފައިވާ ކަން ސާބިތުވާ ކަމަށް ބުނެވޭ މީހެކެވެ.

މިމީހުން މެރުމުން ވަރަށް ޒާތްޒާތުގެ އާތިފީ ޝުއޫރުތައް ފައުޅުކޮށް ވެރިންނާއި ޑިޕްލޮމެޓުން މީސްމީޑިއާގައި ޝުއޫރުތައް ބަންޑުން ކޮށްފައި ވެއެވެ. އެމީހުންނެކޭ އެއްފަދައިން ފަލަސްޠީނުގައިވެސް މަރިތި މާ ލޯބި މީހުންތައް ޝަހީދުކޮށް ބަނޑަށް ޖައްސާފައި ވެއެވެ. އެކަމަކު އެމީހުންގެ ފުރާނަ މާބޮޑު އެއްޗަކަށް ނުވެއެވެ!

ރޮޑްރިގޭޒް ބުނީ އޭނާއަށް މިހަލަ ދިނުމަށް މަޖުބޫރު ކުރީ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމެވެ.

ހިއްސާ ކުރައްވާ!