އެމެރިކާގެ ރައީސްގެ އިރުޝާދާ އެއްގޮތަށް ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތްތައް ޖައުލާނީ ސަރުކާރުން ސޫރިޔާއިން ބޭރުކޮށްލައިފިއެވެ. ޝެއިޚު ޖައުލާނީ މިނިންމުން ނިންމާފައި ވަނީ ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް ފަހު މަގު ދެއްކުމަށް ދެއްވި އިރުޝާދުގެ އަލީގައެވެ.
އޭއެފްޕީއަށް ހަވާލާދީ ދެ ފަލަސްތީނު މަސްދަރަކުން ބުނެފައިވާ ގޮތުގައި، ކުރީގެ ރައީސް ބަޝާރާ ގާތް ގުޅުމެއް އޮތް، އީރާނަށް ތާއީދުކުރާ ފަލަސްތީނު ޖަމާޢަތްތަކުގެ ލީޑަރުންނަށް ފިއްތައި އެ ފިއްތުންތަކާ ގުޅިގެން ސީރިއާއިން އެ ފަރާތްތައް ބޭރުވާން މަޖުބޫރުކޮށްފައި ވެއެވެ.
މި ޖަމާޢަތްތަކުގެ ތެރޭގައި ޕޮޕިއުލަރ ފްރަންޓް ފޮރ ދަ ލިބަރޭޝަން އޮފް ޕެލެސްޓައިން ޖެނެރަލް ކޮމާންޑް (ޕީއެފްއެލްޕީ-ޖީސީ)، ޕެލެސްޓީނިއަން ޕޮޕިއުލަރ ސްޓްރަގަލް ފްރަންޓް، އަދި ފަތަހް އަލްއިންތިފާޞާ ހިމެނެއެވެ.
މި ޖަމާޢަތްތަކަށް އަސަދުގެ ވެރިކަމުގައި ވަރަށް ބޮޑު މިނިވަންކަމެއް ލިބިފައިވީ ނަމަވެސް، މިހާރު އެމީހުންގެ ހަތިޔާރުތައް ސީރިއާގެ އާ ސަރުކާރާ ހަވާލުކޮށްފައިވެއެވެ.
އެއް މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި "ތެހެރާނުން އެހީތެރިކަން ލިބެމުން އައި ގިނަ ފަލަސްތީނު ޖަމާޢަތްތަކުގެ ލީޑަރޝިޕް ދިމިޝްޤު ދޫކޮށް ގޮސްފައިވެއެވެ." މީގެ ތެރޭގައި ޚާލިދު ޖިބްރީލް، ޚާލިދު ޢަބްދުލް މަޖީދު، އަދި ޒިޔާދު އައްސަޣީރު ފަދަ ފަރާތްތައް ހިމެނެއެވެ.
ހަތިޔާރު ހަވާލުކުރުމުގެ ތެރޭގައި ވަކިވަކި މެމްބަރުންގެ ހަތިޔާރުތަކުގެ ލިސްޓުތައް ވެސް ވަކިން ބަލައި ގުނާފައި ވެއެވެ.
މިއީ ޖައުލާނީ ސަރުކާރުން އެދިފައިވާ ގޮތަށެވެ. މިކަން ދިމާވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސީރިއާގެ އާ ވެރިޔާ ޖައުލާނީއާ ބައްދަލު ކުރައްވައި "ޓެރަރިޒަމް" ގެ އަމަލުތައް ހުއްޓުވައި މަނާކުރުމަށާއި އީރާނުގެ ނުފޫޒު ކުޑަކުރުމަށް ދެއްވި އިރުޝާދާ އެއް ގޮތަށް އަމަލު ކުރެއްވުމުންނެވެ. މިއީ އެމެރިކާގެ ފިޔަވަޅުތައް ލުއިދިނުމަށް ކުރިމަތިކޮށްފައިވާ ޝަރުތެކެވެ.





