ޔޫކޭގެ އެތައް މިސްކިތްތަކާއި މުސްލިމް ޖަމާޢަތްތަކުން ބޮޑު ވަޒީރު ކިއޭ ސްޓެމަރއަށް ސިޓީއެއް ފޮނުވައި، ދަންނަވާފައި ވަނީ، ޔޫކޭ-އިޒްރޭލް ވިޔަފާރީގެ މަޝްވަރާތައް މެދުކަނޑާލުމަށް މަރުޙަބާ ދަންނަވާ ކަމަށާއި އަދި ފަލަސްޠީނުގެ މައްސަލައިގައި އިތުރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެދޭ ކަމަށެވެ.
ބުރާސްފަތި ދުވަހު ފޮނުވި މި ސިޓީއަކީ، އަންގާރަ ދުވަހު ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ އިޢުލާނުކުރެއްވި، ޔޫކޭއިން އިޒްރޭލާއެކު ކުރަމުންދިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް މެދުކަނޑާލައި، އިޒްރޭލު ސަފީރު ހާޒިރުކުރުމަށް ނިންމި ނިންމުމާ ގުޅިގެން ފޮނުވި ސިޓީއެކެވެ.
ލަންޑަން ސެންޓްރަލް މިސްކިތުގެ ޓްރަސްޓާއި، އިސްލާމިކް އެކަޑަމީ އޮފް މެންޗެސްޓަރ އަދި އެސޯސިއޭޝަން އޮފް މުސްލިމް ސްކޮލަރސް އިން ގްރޭޓް ބްރިޓެން ފަދަ ދީނީ ޖަމާއަތްތަކާއި ލީޑަރުންނާއި މުއައްސަސާތަކުން ބުނެފައިވަނީ "މި ފިޔަވަޅަށް މަރުޙަބާ ކިޔާ ކަމަށާއި، ނަމަވެސް މިއީ އެކަށީގެންވާ މިންވަރަށްވުރެ ކުޑަ ފިޔަވަޅެއް ކަމަށެވެ."
"18 މަސްދުވަހަށްވުރެ ގިނަ ދުވަހު، އަޅުގަނޑުމެންނަށް ވަނީ ޣައްޒާގައި ހިތާމަވެރި އިންސާނީ ވޭނާއި ހިތް ހަލާކުވާ ފަދަ މަންޒަރުތައް ފެނިފައެވެ." މި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
"ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފަށް، އިޒްރޭލުން ދިފާޢުވުމުގެ ގާބިލުކަން ނެތް މަދަނީ އާބާދީއެއްގެ މައްޗަށް ބަނޑަހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާކަން ވަރަށް ސާފުކޮށް އިޒްރޭލުގެ އަމަލުތަކުން އެނގެއެވެ."
މި ސިޓީގައި ސޮއިކުރި ފަރާތްތަކުން ފާޑުކިޔާފައިވަނީ، އެފަރާތްތަކުން ސިފަކުރާ ގޮތުގައި "އަޚްލާޤީ ގޮތުން މަޢާފުނުކުރެވޭނެ ފެއިލްވުމެއް" ކަމަށްވާ، ޣައްޒާއަށް އެކަށީގެންވާ މިންވަރަށް އެހީ ފޯރުކޮށްނުދެވުމާ މެދުގައެވެ. އަދި ކާނާގެ ދަތިކަން ދިމާވެފައިވާ ހާހުން ގުނޭ ކުޑަކުދިންގެ ތެރެއިން "ލާއިންސާނީ، ވޭންދެނިވި އަދި ހުއްޓުވޭނެ މަރުތައް" ހުއްޓުވިފައި ނުވާތީ އެކަންވެސް ކުށްވެރި ކުރާ ކަމަށް ބުނެފައި ވެއެވެ.
އެފަރާތްތަކުން ސަރުކާރަށް ގޮވާލާފައިވަނީ ހަތަރު މުހިންމު ކަމެއްގައި އަމަލީ ފިޔަވަޅު އެޅުމަށެވެ. އެއީ: ހަނގުރާމަ ހުއްޓާލުން، ޣައްޒާއަށް އަޅާފައިވާ ބްލޮކޭޑް ނިމުމަކަށް ގެނައުން، ފަލަސްޠީނު ދައުލަތް ބަލައިގަތުން، އަދި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ހަތިޔާރު ވިއްކުން ހުއްޓާލުމެވެ.






