ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަކީ، "ބައިނަލްއަޤްވާމީ ޤާނޫނުގެ ޙުރުމަތް ގެއްލިގެން ދިއުމުގެ ސީދާ ނަތީޖާއެއް" ކަމަށް މެލޭޝިއާއިން ބުނެފިއެވެ. އަދި ޣައްޒާގައި ހިނގަމުންދާ ކަންތައްތަކުން ދައްކުވައިދެނީ "ފަލަސްޠީނު ރައްޔިތުންގެ ވޭނާމެދު ދެފުށްދެގޮތް ސިޔާސަތެއް ގެންގުޅޭކަން" ކަމަށް ވިދާޅުވެ، މެލޭޝިއާގެ ޚާރިޖީ ވަޒީރު މުހައްމަދު ހަސަން ވަނީ ޣައްޒާއާ މެދު ދުނިޔެއިން ކަން ކުރާގޮތަށް ފާޑު ވިދާޅުވެފައެވެ.
މެލޭޝިއާގެ ވަޒީރުގެ މި ބަސްފުޅުތައް އައިސްފައިވަނީ ދެކުނު އިރުމަތީ އޭޝިއާ ޤައުމުތަކުގެ ޖަމްޢިއްޔާ (އާސިއާން) ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައެވެ. މި ވާހަކަފުޅުގައި މެލޭޝިއާ ވަޒީރު ފާޅުކުރެއްވީ ފަލަސްޠީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތައް ދެމިގެންދާތީ އެކަން ކުށްވެރި ކުރައްވައި ޢަދުލުވެރިކަމާއި އިންސާފުގެ އުސޫލުތަކަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިޙުތިރާމް ކުރުން ކުޑަވެގެން ދިއުމުގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު އިތުރަށް ގޯސްވެގެން ދިއުމަށް މަގުފަހިވެފައިވާކަމަށް އެމަނިކުފާނު އިޝާރާތް ކުރައްވަމުންނެވެ.
މީގެ އިތުރުން، އޭނާ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލެއްވީ މި ހަނގުރާމަ ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. އަދި ފަލަސްޠީނު ރައްޔިތުންގެ ވޭނަށް އަޅާނުލާ ދޫކޮށްލުމަކީ ހަމައެކަނި ޢަދުލުވެރިކަން ގެއްލިގެންދާނެ ކަމެއް ނޫންކަމަށާއި، އޭގެ ސަބަބުން ދުނިޔޭގެ ޤާނޫނީ ނިޒާމުގެ އިތުބާރަށްވެސް ނުރައްކާ ވެގެންދާނެކަމަށް ވިދާޅުވިއެވެ.
މެލޭޝިއާގެ ޚާރިޖީ ވަޒީރުގެ މި ވާހަކަ ދެއްކެވީ، ޣައްޒާ ސަރަޙައްދަށް އިޒްރޭލުން ދެމުންދާ ޙަމަލާތައް ދެމިގެންދާ ދަނޑިވަޅެއްގައެވެ. މި ޙަމަލާތަކުގެ ސަބަބުން ހާހުން ގުނާލެވޭ މީހުން ޝަހީދުވެ އަދި ޒަޚަމްވެފައިވެއެވެ. އަދި ކުރިން ދުވަހަކުވެސް ނުފެނޭފަދަ އިންސާނީ ކާރިސާއެއް ކުރިމަތި ވެދާނެކަމުގެ އިންޒާރު އދގެ ސެކްރެޓަރީ ޖެނަރަލްވެސް ވަނީ ދެއްވާފައެވެ.
އިޒްރޭލުން ދަނީ ހިސާރަކޮށް، ފަލަސްޠީނު ރައްޔިތުން ބަނޑަށް ޖައްސައި މަތިން ބޮން އަޅަމުންނެވެ. އަދި ޣައްޒާގެ 80 ޕަސެންޓްގެ ކޮންޓްރޯލު ޔަހޫދީން ވަނީ ނަގާފައެވެ.






