ފުލުހުން ކަރަށް ފައިން އަރައިގެން މަރާލި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ މަރަށް 5 އަހަރު ފާހަގަ ކުރާއިރު، އެމެރިކާގައި ފުލުހުންގެ އަނިޔާއިން މަރާލާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.
އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއަޕޮލިސް ސިޓީގައި 2020 ވަނަ އަހަރު ފުލުހުން އަނިޔާ ކޮށް މަރާލި ޖޯޖް ފްލޮއިޑްގެ މަރުގެ 5 އަހަރު ފުރުމާ ގުޅިގެން އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހަނދާނީ ހަރަކާތްތަކާއި އިހްތިޖާޖުތައް ކުރިއަށް ގެން ދެއެވެ. މި ހަރަކާތްތަކުގައި އެތައް ހާސް މީހުން ބައިވެރިވެ، އިންސާފަށް ގޮވާލަމުން ދެއެވެ.
46 އަހަރުގެ ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް މަރާލީ، ފުލުސް އޮފިސަރ ޑެރެކް ޗޯވިން އެވެ. ހުދު ނަސްލުގެ ޗޯވިން ވަނީ ފޮރޮއިޑްގެ ކަރަށް ކަކުލުން ފިއްތާލައިގެން 9 މިނެޓް ވަންދެން ހުރެ ނޭވާ ހާސްކޮށްލައިގެން މަރާލާފައެވެ.
މިނިސޯޓާގެ ގާޒީ ވަނީ ޖޯޖް ފްލޮއިޑް މަރާލި މައްސަލައިގައި ޑެރެކް ޗައުވިންގެ މައްޗަށް 22 އަހަރާ ބައިގެ ޖަލު ހުކުމެއް އިއްވާފައެވެ. ޕީޖީ އެދުނީ އޭނާއަށް 30 އަހަރުގެ ހުކުމެއް އިއްވައި ދިނުމަށެވެ.
މި ހާދިސާގެ ވީޑިއޯ އާންމުވުމާއެކު، ފުލުހުންގެ އަނިޔާވެރިކަމާއި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މުޅި އެމެރިކާގައި އިހްތިޖާޖުތައް ފެތުރުނެވެ.
5 އަހަރު ފަހުން އަދިވެސް ފެންނަނީ ފުލުހުންގެ އަނިޔާވެރިކަން ހުއްޓުމެތް ނެތް ކަމެވެ. ނަސްލީ ތަފާތު ކުރުމާއެކު ހުދު ނޫން ނަސްލުތަކަށް އަމާޒުކޮށް މަރާލުން އާންމު ވެފައިވާ މަންޒަރެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގައި ފުލުހުންގެ އަތުން މަރުވާ މީހުންގެ އަދަދު މަދުވެފައެއް ނުވެއެވެ.
ނިއު ޔޯކް ޓައިމްސްއިން ހާމަކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު ފުލުހުން ވަނީ 1،226 މީހުން މަރާލާފައެވެ. މިއީ ފްލޮއިޑް މަރާލުމުގެ ކުރީ އަހަރު ކަމަށްވާ 2019 އާ އަޅާބަލާއިރު 18 އިންސައްތައިގެ އިތުރުވުމެކެވެ.
ފުލުހުން މަރާލާ ނަސްލަކީ، އެމެރިކާގެ އަސްލު ވަޒަންވެރިންނާއި އެފްރިކާ ނަސްލުގެ މީހުންނެވެ.
ފުލުހުންގެ އަނިޔާއިން މަރުވާ މީހުން ހުދު ނަސްލުގެ މީހުންނާ އަޅާބަލާއިރު 2.5 ގުނަ އިތުރު ކަމަށް ނިއުޔޯކު ޓައިމްސްއިން ބުނެއެވެ.
މިދިޔަ، 2024 ވަނަ އަހަރު ވެސް އޮހައިއޯގެ ކެންޓަންގައި ހަތިޔާރެއް ނެތް ކަޅު ނަސްލުގެ ފްރޭންކް ޓައިސަން މަރާލާފައިވަނީ ފުލުހުން އޭނާ ބިންމައްޗަށް ވައްޓާލައިގެން ކަނދުރާއަށް ފައިން އަރައި، ނޭވާ ހާސްކޮށްގެންނެވެ.






