ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މައްކާ ރޫޓް އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޙައްޖަށްދާ ފުރަތަމަ ގްރޫޕުގެ 234 ޙައްޖުވެރިންނާ ބައްދަލުކުރައްވާ އަލްވަދާޢު ވިދާޅުވެފައެވެ. މި ގްރޫޕު މިއަދު ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ފުރާފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމެވީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މި އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައޫދީގެ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އިމިގްރޭޝަންގެ މަތީފެންވަރުގެ ބޭފުޅުން ހިމެނޭ ވަފްދެއްވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިންނަށް ލިބޭ މުހިންމު ފަސޭހަތަކުގެ ތެރޭގައި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފޮށިތައް ރަޖިސްޓަރީކޮށް ބޯޑިންގ ޕާސް ވަގުތުން ލިބުމާއި، ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާއްޖެއިން ފުރުމުގެ ކުރިން ނިންމުމާއި، ސަޢޫދީ ޢަރަބިއްޔާގެ އެއަރޕޯޓުން ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަމަޖެހުން ހިމެނެއެވެ.

މި އައު އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖުވެރިންގެ ދަތުރު ފަސޭހަވެ، ޙައްޖުގެ އަޅުކަން އަދާކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

ހިއްސާ ކުރައްވާ!