ޣައްޒާގައި އެހީގެ ސާމާނު ވަގަށް ނެގި 4 މީހުންނަށް ހަމާސްއިން އަދަބު ތަންފީޒުކޮށްފި

ޣައްޒާއަށް ވަންނަމުންދާ ކާނާގެ އެހީގެ މުދާ ވަގަށް ނެގުމުގައި އިޒްރޭލުން ވާގިވެރިވެގެން ބައިވެރިވި 4 މީހުންނަށް ހަމާސްއިން މަރުގެ އަދަބު ތަންފީޒުކޮށްފިއެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ މި މައްސަލައާ ގުޅުންހުރި ފަރާތްތަކުންނެވެ.

މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިން އެއް ފަރާތުން ބުނި ގޮތުގައި، މި 4 މީހުން ބައިވެރިވެފައިވަނީ ފާއިތުވި ހަފްތާގައި ހިނގި ހާދިސާއެއްގައެވެ. އެ ހާދިސާގައި އެހީގެ ސާމާނު ރައްކާތެރިކުރުމަށް މަސައްކަތްކުރަމުންދިޔަ 6 ސެކިއުރިޓީ އޮފިޝަލުން އިޒްރޭލުން ވަނީ ޝަހީދުކޮށްލާފައެވެ.

"އަދަބު ތަންފީޒުކުރެވުނު 4 ކުށްވެރިން ބައިވެރިވެފައިވަނީ އެހީގެ މުދާ ވަގަށް ނެގުމުގެ ކުށުގައި އަދި އެހީގެ މުދާ ރައްކާތެރިކުރުމުގެ މަސައްކަތުގައި އުޅުނު ބަޔަކު ޔަހޫދީން ޝަހީދުކޮށްލީވެސް މިމީހުންނާ ހެދި،" މި މައުލޫމާތު މީޑިއާއަށް ދިން ފަރާތަކުން ބުނެފައިވެއެވެ.

"ފަލަސްޠީނު ރެޒިސްޓަންސް" ގެ ނަމުގައި ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އިޒްރޭލުން ވާގިވެރިވެގެން އެހީގެ ސާމާނު ލޫޓުވާ އިތުރު 7 ފަރާތެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންދެއެވެ.

މި ހާދިސާ ހިނގަމުންދާއިރު، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި ޣައްޒާގައި ގިނަ ބާވަތްތަކުގެ ބޭހައި ބޭސްފަރުވާގެ މެޑިކަލް އިކުއިޕްމަންޓް ހުސްވެފައިވެއެވެ. އަދި އަސާސީ ބޭސްތަކުގެ 42 އިންސައްތަ ސްޓޮކް ވަނީ ހުސްވެފައެވެ.

"މެޑިކަލް އިކުއިޕްމަންޓުގެ 64 އިންސައްތަ އަދި އަސާސީ ބޭހާއި ވެކްސިންގެ 42 އިންސައްތައިގެ ސްޓޮކް މިހާރު ވަނީ ހުސްވެފައި،" ޑަބްލިއުއެޗްއޯގެ އީސްޓަން މެޑިޓެރޭނިއަން ރީޖަނަލް ޑިރެކްޓަރ ހަނާން ބަލްކީ ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!