އެމެރިކާގެ މަޝްހޫރު ޓީވީ ތަރި ކިމް ކާޑޭޝިއަން، އޭނާގެ ކުރީގެ ފިރިމީހާ ކަންޔޭ ވެސްޓްގެ ފަރާތުން ދަރިންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވާކަމަށް ބުނެފައިވެއެވެ. މި ދެމަފިރިން ވަރިވެފައިވަނީ 2022 ވަނަ އަހަރުއެވެ.
ފަހަކަށް އައިސް ކަންޔޭ ވެސްޓް ވަނީ ޓްވިޗް ލައިވް ސްޓްރީމެއްގައި ކިމް އާއި އެ ދެމީހުންގެ ދަރިންނާ ބެހޭގޮތުން ނޭދެވޭ ވާހަކަތަކެއް ދައްކާފައެވެ. އޭނާ ބުނެފައިވަނީ ދަރިން ގެންދާނެ ކަމަށާއި، ހަލޯނާ ހޯދަން ވަކީލުންނާ ވާހަކަދައްކަމުންދާ ކަމަށެވެ. އަދި ދަރިން ނުފެނި ހުންނަން ޖެހޭތީ ރުޅިއައިސްގެން އުޅޭ ކަމަށްވެސް ބުނެފައިވެއެވެ.
ރޭޑަރް އޮންލައިން އާ ވާހަކަދެއްކި ކިމްގެ ގާތް މީހަކު ބުނެފައިވަނީ ކަންޔެގެ އާދަޔާ ޚިލާފު އަމަލުތަކުގެ ސަބަބުން ކަންކަން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. ކިމް ބިރުގަންނަނީ ކަންޔެ އާ އެކު ދަރިން ފޮނުވައިފިނަމަ އަނބުރާ ނުގެނެސްފާނެތީ ކަމަށް ގާތް މީހަކު ބުންޏެވެ. އޭނާއަށް ކަންޔެ އަށް އިތުބާރެއް ނުކުރެވޭ ކަމަށްވެސް ބުންޏެވެ.
މީގެ ކުރިން ވެސް ކިމް ވަނީ އޭނާގެ ދަރި ނޯތު ވެސްޓް، ކަންޔެ އާ ބައްދަލުކުރަން ދިޔުން ހުއްޓުވާފައެވެ. އެއީ އެންޑްރޫ ޓޭޓް އަދި ޓްރިސްޓަން ޓޭޓް ފަދަ ކުށްވެރިން ކާންޔެއާ އެކު އެތާނގައި ތިބިކަން އެނގުމުންނެވެ.
ކިމްގެ ގާތް މީހަކު ބުނެފައިވަނީ ކަންޔެގެ ރުޅިވެރި އަމަލުތަކުގެ ސަބަބުން ކިމް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. "ކިމް ދަރިން ރައްކާތެރިކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ. އެކަމަށް ކިތަންމެ ޚަރަދެއް ދިޔަސް މައްސަލައެއް ނެތް،" އެ މީހަކު ބުނެފައިވެއެވެ.
ކަންޔެ ވެސްޓް ވަނީ އޭނާގެ ނަފްސާނީ ބަލިމަޑުކަމާ ބެހޭގޮތުން ވެސް ދޮގު މައުލޫމާތު ދީފައެވެ. އަދި ފަހަކަށް އައިސް އޭނާގެ އަންހެނުން ކަމަށް ބެލެވޭ ބިއަންކާ ސެންސޯރީ އާ އެކު ގްރެމީ އެވޯޑްސްގައި ބައިވެރިވެ، އޭނާ ލައްވާ ހަށިގަނޑު ފެންނަ ހެދުމެއް ލައިގެން ނުކުތުމުން އެކަން ވަނީ ބޮޑު ފަޟީހަތަކަށް ވެފައެވެ.







