އާލިއާ ބަޓްގެ ހެދުމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން އުފެދިއްޖެ

78 ވަނަ ކޭންސް ފިލްމް ފެސްޓިވަލްގެ ނިންމުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ މަޝްހޫރު ތަރި އާލިއާ ބަޓް ލައިގެން ހުރި ހެދުމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުންތަކެއް އުފެދިއްޖެއެވެ. އިޓަލީގެ ފެޝަން ބްރޭންޑް ގުޗީން އިންސްޓަގްރާމްގައި ޝާއިޢުކުރި ފޮޓޯތަކުގައި އާލިއާގެ ހެދުމަށް ކިޔާފައިވާ ނަމާ ގުޅިގެން އިންޑިއާގެ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.

އިންޑިއަން ސަގާފަތުން ޚިޔާލު ލިބިގެން ފަރުމާކޮށްފައިވާ މި ހެދުމަކީ ލެހެންގާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު، ގުޗީން މި ހެދުމަށް ކިޔާފައިވަނީ "ގައުން" އެއް ކަމަށެވެ. މިކަމާ ގުޅިގެން އިންޑިއާގެ ފެޝަނިސްޓާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެއީ ގައުނަކީ އެއްބައިގެ ހެދުމެއް ކަމަށްވާއިރު، އާލިއާ ލައިގެން ހުރި ހެދުމަކީ ބްލައުޒަކާއި، ސްކާޓެއް ހިމެނޭ ހެދުމެއް ކަމަށްވާތީއެވެ.

އާލިއާގެ ފެޝަން ސްޓައިލިސްޓް ރިއާ ކަޕޫރު ބުނެފައިވަނީ މި ހެދުމަކީ އިންޑިއާގެ ސާޅީގެ ޒަމާނީ ވައްތަރެއް ކަމަށެވެ. އަދި އިންޑިއާގެ ސަގާފަތުގެ ބައެއް މިފަދަ މުހިންމު މަންޒަރެއްގައި ހިމެނުނު ކަމާމެދު އޭނާ ފަޚުރުވެރިވާ ކަމަށްވެސް ބުނެފައިވެއެވެ.

އާލިއާ ބަޓްއަކީ ގުޗީގެ ފުރަތަމަ އިންޑިއަން ގްލޯބަލް އެމްބެސެޑަރެވެ. އޭނާގެ މި މަޤާމާ ގުޅިގެން، އިންޑިއާގެ ސަގާފަތުން ޚިޔާލު ލިބިގެން މި ހެދުން ފަރުމާކުރި ކަމަށް ގުޗީން ބުނެފައިވެއެވެ. އަދި އާލިއާ އަމިއްލައަށްވެސް ބުނެފައިވަނީ މި ހެދުމަކީ ސާޅީގެ ވައްތަރެއް ކަމަށެވެ.

މީގެ އިތުރުން، އާލިއާ ގެންގުޅުނު މިނީ ޖެކީ ބޭގްވެސް ވަނީ އިންޑިއާގެ ޕޮޓްލީ ބޭގުން ޚިޔާލު ލިބިގެން ފަރުމާކޮށްފައެވެ. މި ބޭގުގައި ހުރި އެމްބްރޮއިޑަރީ މަސައްކަތް ކޮށްފައިވަނީ މުންބާއީގައި ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.ADV

ހިއްސާ ކުރައްވާ!