ހެލްމެޓް ނާޅައި ސޯނޫ ސޫދު ސައިކަލް ދުއްވައިފި

ސޯނޫ ސޫދްގެ ހެލްމެޓް ނާޅައި ސައިކަލް ދުއްވި މަންޒަރު ވައިރަލްވެ އާންމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ބޮލިވުޑްގެ މަޝްހޫރު ތަރި ސޯނޫ ސޫދް، އިންޑިއާގެ ސްޕިޓީ ސަރަޙައްދުގައި ހެލްމެޓް ނުލައި ބައިކް ދުއްވަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑިއާގައި ވައިރަލްވެ، އާންމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ވީޑިއޯގައި ސޯނޫ ފެންނަނީ ހުސްގަޔާ ސޯޓެއްގައި އަވިއައިނު ލައިގެން ސައިކަލް ދުއްވަމުންދާ މަންޒަރެވެ. މި ވީޑިއޯ ޝެއަރކޮށްފައިވަނީ އެ ސަރަޙައްދުގެ އިންސްޓަގްރާމް ޕޭޖަކުންނެވެ. އަދި މި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވަނީ "މިއީ ސްޕިޓީ… މިތާ ހަމައެކަނި އަސްލު މީހުން ދުއްވަނީ" މިފަދައިންނެވެ.

ނަމަވެސް، މި ދަތުރުގެ އެހެން ބައެއް ވީޑިއޯތަކުގައި ސޯނޫ ހެލްމެޓް އަޅައިގެން ހުރި މަންޒަރު ފެނުނު ނަމަވެސް، އާންމުންގެ ސަމާލުކަން ލިބި، ފާޑުކިޔުންތައް އަމާޒުވެފައިވަނީ ހެލްމެޓް ނުލައި، ގައިގައި ހެދުމެއް ނެތި ބައިކް ދުއްވި މަންޒަރަށެވެ.

މި ވީޑިއޯ ވައިރަލްވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯނޫގެ މި ޢަމަލު ކުށްވެރިކޮށް، މިފަދަ ނުރައްކާތެރި ޢަމަލުތަކުން ދުރުހެލިވުމަށް ގޮވާލާފައެވެ. ޚާއްޞަކޮށް މަޝްހޫރު ތަރިއެއްގެ ހައިސިއްޔަތުން މިފަދަ ނުރައްކާތެރި ޢަމަލެއް ކުރުމަކީ ޒުވާނުންނަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

 

ހިއްސާ ކުރައްވާ!