އޮސްޓްރޭލިއާގެ ސެނެޓަރު ލިޑިއާ ތޯޕް ވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާ ގުޅޭގޮތުން އެ ގައުމުގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ދާދި ފަހުން ދެއްކެވި ވާހަކަފުޅުތަކަކީ "މާ މަދު، މާ ލަސް" ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
ސެނެޓަރު ތޯޕް މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ނޫސްވެރިންނާ ބައްދަލުކުރެއްވުމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި ބޮޑުވަޒީރު އަލްބަނީޒްގެ އެންމެ ފަހުގެ ބަޔާން އައިސްފައިވަނީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ޢަމަލުތައް ފެށިތާ 597 ދުވަސް ފަހުންނެވެ. އަދި މި މުއްދަތުގެ ތެރޭގައި އޮސްޓްރޭލިއާ ސަރުކާރުން އިސްރާއީލުގެ ސިފައިންނށް ހަތިޔާރުގެ ބައިތައް ފޯރުކޮށްދީފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ބޮމުގެ ހަމަލާތަކުގެ މެދުގައި ފަލަސްތީނުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި ތިބިއިރު، އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު ނާއަޅައި، ހަތިޔާރުގެ ވިޔަފާރި ނިންމާނުލައި، ދުނިޔޭގެ ފިޔަވަޅުތަކާ ނުގުޅި [ވެރިކަންކުރާ ލޭބަރ ޕާޓީން] ނަސްލު ނައްތާލުމުގައި ބައިވެރިވަނީ،" ސެނެޓަރު ތޯޕް ވިދާޅުވިއެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގިނަ ގައުމުތަކުން ވަނީ އިސްރާއީލަށް ފާޑުކިޔާފައެވެ. އަދި ބައެއް ގައުމުތަކުން ވަނީ އިސްރާއީލާ މެދު އިޤްތިޞާދީ ފިޔަވަޅުތައްވެސް އަޅާފައެވެ. މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން އަޑުއުފުލަމުންދާއިރު، އޮސްޓްރޭލިއާގެ ސިޔާސަތު ބަދަލުވާނެތޯ ބަލަން ޖެހިފައިވެއެވެ.






