ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް އިތުރުވެ، މީހުން މެރުން އިންތިހާއަށް އިތުރު ވަމުން ދަނީކަމަށް ފްރާންސްގެ ނޫސް "ލިބަރާސިއޮން" އިން ބުނެފިއެވެ. މިކަން މިހެން ވަމުންދަނީ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައި ޔަހޫދީން އެވާހަކަތަކަށް ބީރުކަންފަތެއް ދީގެން ކަމަށްވެސް ބުނެފައިވެއެވެ. އަދި މިއާއެކު، އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ކަނާތްފިޔަ ޖަމާއަތްތަކުން ޤުދުސް ހިފި ދުވަސް ފާހަގަކުރަމުން ފަލަސްޠީނު މީހުންނަށް ހަމަލަދެމުން ދާކަންވެސް ފާހަގަކޮށްފައިވެއެވެ.
މާޗް މަހުގެ 18 ވަނަ ދުވަހު ހަމަލަތައް ހުއްޓާލުމަށް ފަހު އަލުން ހަނގުރާމައިގެ ޖަރީމާތައް ފެށުމުން ޣައްޒާގެ 3،700 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް މި ނޫހުން ބުނެފައިވެއެވެ. މީގެ ތެރެއިން ގިނައީ އާންމު ރައްޔިތުންނާއި ކުޑަކުދިން ކަމަށްވެސް ބުނެއެވެ. މީގެ ތެރޭގައި ޔަހޫދީ ޓެރަރިސްޓުން ހުކުރު ދުވަހު ޝަހީދުކޮށްލި ޑޮކްޓަރު އާލާގެ އާއިލާއެއްގެ 9 ކުދިން ދިރިތިއްބާ ޔަހޫދީން އަންދާލި ވާހަކަވެސް ފާހަގަކޮށްފައިވެއެވެ.
ޔަހޫދީ ޓެރަރިސްޓު ސިފައިން ދަނީ މެދުނުކެނޑި ސްކޫލުތަކަށް ބޮން އަޅަމުންނެވެ. އަދި ޔަހޫދީން ބުނަނީ އެތަންތަނަކީ "ބޮޑެތި ޓެރަރިސްޓުން ތިބޭ ކޮމާންޑް އަދި ކޮންޓްރޯލް ސެންޓަރުތައް" ކަމަށެވެ
އެހެންނަމަވެސް، މަރުވެފައިވާ ކުޑަކުދިންގެ ހަށިގަނޑުތަކާއި، ދިރިތިބި މީހުންގެ ނިކަމެތި ސިފަތަކުން ދައްކައިދެނީ މިއީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް ލިބްރާސިއޯން ނޫހުން ބުނެފައިވެއެވެ.
އެނޫހުން ޔޫރަޕްގެ ލީޑަރުން ބުނެފައވާ ވާހަކަތައްވެސް ނަކަލު ކޮށްފައި ވެއެވެ.
އިޒްރޭލުގެ އެކުވެރި ޤައުމުތަކުންވެސް ޔަހޫދީންގެ ނުލަފާކަން ގަބޫލު ކުރަމުންދާ ކަމަށް އެ ނޫހުން ބުނެއެވެ. ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިކް މަރޓްސް ވިދާޅުވެފައިވަނީ "ތެދުތެދަށް ބުނަންޏާ، އިޒްރޭލުގެ ސިފައިން ގައްޒާގައި ކުރަމުންދާ ކަންތައްތައް އަހަރެންނަކަށް ނުވިސްނެއެވެ. އާންމު ރައްޔިތުންނަށް މިފަދަ އަނިޔާތަކެއް ދިނުމުގެ މަޤްޞަދަކީ ކޮބައިކަމެއް ނޭނގެއެވެ."
ސްޕެއިންގެ ބޭރު ވަޒީރު ޚޯސޭ މެނުއެލް އަލްބަރެސް ވިދާޅުވެފައިވަނީ "އަޅުގަނޑުމެން މި ހަމަލާތައް ހުއްޓުވަން ޖެހެއެވެ. މީގެ އެއްވެސް ހަނގުރާމަވެރި މަޤްޞަދެއް ނެތެވެ. ހަމައެކަނި މަޤްޞަދަކަށް ވެދާނެ ކަމަކީ ޣައްޒާ ބޮޑު ޤަބުރުސްތާނަކަށް ހެދުމެވެ." އަދި އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރުމަށްވެސް އޭނާ ގޮވާލައްވާފައިވެއެވެ.
އިޒްރޭލުން ވަނީ ބިރަކާ ނުލައި އެމެރިކާގެ ވާގިވެރިކަމާއި އެހިއާއެކު ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންނެވެ.






