ކޮލަންބިއާގެ ސަރުކާރުން ފަލަސްތީން ދައުލަތަށް ފުރަތަމަ ސަފީރު އައްޔަންކޮށްފިއެވެ. މި މަޤާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ސެނެޓަރު މަރިއާނާ އޮސްޕިނާއެވެ. މި ނިންމުން އައިސްފައިވަނީ ކޮލަންބިއާއިން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ކަނޑާލިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ.
ހޯމަ ދުވަހު އައްޔަންކުރެވުނު އާ ސަފީރު އޮސްޕިނާ ވިދާޅުވެފައިވަނީ އޭނާ މަސައްކަތް ކުރައްވާނީ ރަމަالله އިން ނުވަތަ އަވަށްޓެރި ގައުމަކުން ކަމަށެވެ. ނަމަވެސް، މިހާތަނަށް ވަކި ތަނެއް ކަނޑައެޅިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޮސްޕިނާ އިތުރަށް ވިދާޅުވެފައިވަނީ ކޮލަންބިއާގެ އެމްބަސީ ރަމަالله އިން ހިންގުމަށްޓަކައި އިސްރާއީލާއެކު ވެސް ކޯޑިނޭޝަން އަދި އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. މީގެއިތުރުން، ކޮލަންބިއާއިން ފަލަސްތީނުގެ ދައުލަތް ޤަބޫލުކުރާ ކަމަށާއި، އިސްރާއީލުގެ ދައުލަތާއެކު ފަލަސްތީނު ދައުލަތް އެކުގައި އޮތުމުގެ މުހިންމުކަން ޤަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ޒަޚަމްވެފައިވާ އެތައް ހާސް ފަލަސްތީނުން މީހުން ކޮލަންބިއާއިން ބަލައިގަތުމަށް ތައްޔާރަށް އޮތް ކަމަށް އޮސްޕިނާ ވިދާޅުވިއެވެ. ޚާއްޞަކޮށް އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި އަނިޔާވެފައިވާ ކުދިންނަށް ފަރުވާ ދިނުމަށް ކޮލަންބިއާއިން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މިހާތަނަށް ކޮލަންބިއާއަށް ބަލިމީހުން ބަދަލުކުރާނެ ވަކި މެކޭނިޒަމެއް އަދި ފަލަސްތީނުގެ އާއިލާތަކަށް ފަރުވާއަށް އެދެވޭނެ ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.






