އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގާ: ކުރީގެ ޔަހޫދީ ބޮޑުވަޒީރު

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އެހުދް އޮލްމަރޓް ބުނަނީ އިޒްރޭލުން މިހާރު ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދަނީ ކަމަށެވެ. އޭނާ މިހެން ބުނެފައިވަނީ އިޒްރޭލުގެ ނޫސް ކަމަށްވާ ހާރެޓްޒްގައި ޝާއިޢުކޮށްފައިވާ އޮޕް-އެޑެއްގައެވެ.

2006 އިން 2009 އަށް އިޒްރޭލުގެ ބޮޑުވަޒީރުކަން ކުރި އޮލްމަރޓް ބުނެފައި ވަނީ، އިޒްރޭލުގެ ސަރުކާރުން މިހާރު ކުރިއަށް ގެންދަނީ "މަޤްޞަދެއް، ލަނޑުދަނޑިއެއް އަދި ރަނގަޅު ޕްލޭނެއް ނެތް، އަދި ކާމިޔާބުވާނެ ފުރުޞަތެއްވެސް ނެތް ހަނގުރާމައެއް" ކަމަށެވެ.

އިޒްރޭލުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފާޑުކިޔުންތެރިއެއް ކަމަށްވާ އޮލްމަރޓް އިތުރަށް ބުނެފައި ވަނީ، "އިޒްރޭލު ޤައުމު އުފެދުނީއްސުރެ މިފަދަ ހަނގުރާމައެއް ނުހިންގާ" ކަމަށެވެ. އަދި "ބެންޖަމިން ނަތަންޔާހޫ އިސްކޮށް ހުރެގެން ހިންގާ ކުށްވެރިންގެ ގޭންގުން މިދަނީ އިޒްރޭލުގެ ތާރީޚުގައި މިސާލެއް ނެތް ނަމޫނާއެއް ދައްކަމުން" ކަމަށްވެސް އޭނާ ބުނެފައިފައިވެއެވެ.

އޮލްމަރޓްގެ މި ބަސްތައް އަންނަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ ފަލަސްޠީނު ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށް ހަސްފަތާލާއި ސްކޫލުތައް ނައްތާލަމުން ގަތުލުއާންމުތައް ހިންގަމުން ދިއުމާ ގުޅިގެންނެވެ.ADV

ހިއްސާ ކުރައްވާ!