"ޣައްޒާގައި ހިނގަމުންދަނީ ޖެނޮސައިޑެއް": ބެލްޖިއަމްގެ ޚާރިޖީ ވަޒީރު

ޣައްޒާގައި އިޒްރޭލުން ހިންގަމުން ގެންދާ ޢަމަލުތައް ސިފަކުރެވޭނީ ހަމައެކަނި "ޖެނޮސައިޑް" މި ލަފްޒުން ކަމަށް ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސިމް ޕްރެވޯ ވިދާޅުވެއްޖެއެވެ. ހޫމޯ މަޖައްލާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ މިފަދައިން ވިދާޅުވިއެވެ.

"ޚާރިޖީ ވަޒީރެއްގެ ހައިސިއްޔަތުން މިފަދަ ބަޔާންތައް ދިނުމަކީ އަހަރެންގެ ޒިންމާއެއް ނޫން. އެހެންނަމަވެސް އަހަރެންގެ އަމިއްލަ ޚިޔާލަކީ މިއީ ޖެނޮސައިޑަކާ ވަރަށް ގާތް ކަމެއް. މި ލަފްޒު އިތރަށް ދެން ބޭނުންކުރެވޭނީ އަދި ކިހާ ބޮޑު ހިތާމައެއް ހިނގުމުންކަން އަހަރެންނަކަށް ނޭނގެ،" އޭނާ ވިދާޅުވިއެވެ.

ޣައްޒާއިން ފެންނަމުންދާ މަރުތަކާއި، ފަނާކޮށްލުމާއި، ބަނޑަށް ޖެއްސުމުގެ  މަންޒަރުތައް ދެކެ އޭނާ ވަރަށް ބޮޑަށް ކޯފާވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އޭޕްރީލް މަހުން ފެށިގެން އިންސާނީ އެހީ ބަންދުކޮށް ހިސާރަ ކުރުމަކީ ނުހަނު ލަދުވެތި ކަމެއް ކަމަށް އޭނާ ވިދާޅުވަމުން އައިސްފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ. "ގަސްދުގައި އާބާދީއެއް ބަނޑަށް ޖައްސަން ދޫކޮށްލުމަކީ ހަނގުރާމައިގެ ކުށެއް،" އޭނާ ވިދާޅުވިއެވެ.

އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމާ ބެހޭގޮތުން ވާހަކަދައްކަވަމުން، ބެލްޖިއަމްގެ ސަރުކާރުންރުންނާއި ޔޫރަޕިއަން ޔޫނިއަންގެ ސަރުކާރުން އިޒްރޭލަށް އިތުރު ފިޔަވަޅުތައް އަޅަންވާނެ ކަމަށް ޕްރެވޯ ވިދާޅުވިއެވެ. "ދެފަރާތުގެ އަސްކަރީ އަދި ސިޔާސީ ލީޑަރުންނާއި، ވެސްޓް ބޭންކުގައި ފަލަސްޠީނުން އެމީހުންގެ ގެދޮރުން ނުކުތުމަށް މަޖުބޫރުން ނެރެމުންދާ ޔަހޫދީ ސެޓްލަރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަހަރެން ތާއީދުކުރަން،" އޭނާ ވިދާޅުވިއެވެ.

"ބެލްޖިއަމްގެ ސަރުކާރުން މި ހާލަތު ކުށްވެރިކުރުން އެކަނި މިހާރު ފުދޭނެ ކަމަކަށް ނުފެނޭ. އިޒްރޭލުން ފިޔަވަޅު އެޅުމަށް މަޖުބޫރުކުރުވުމަށް ޢަމަލީ ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ޕްރެވޯ ވިދާޅުވިއެވެ.

ޣައްޒާގެ މަންޒަރުތަކުން ޔޫރަޕުން މިހާރު އިވެމުން ދަނީ ކުރިން ނީވޭ ފަދަ ވާހަކަތަކެކެވެ.ADV

ހިއްސާ ކުރައްވާ!