ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް "އެންމެހާ ބާރުތައް" ބޭނުންކުރުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއެރް ސްޓާމަރަށް އެ ގައުމުގެ 800 އަށްވުރެ ގިނަ ޤާނޫނީ މާހިރުން ގޮވާލައިފިއެވެ. މި ގޮވާލުމުގައި ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ހިމެނެއެވެ.
36 ޞަފްޙާގެ ސިޓީއެއްގައި މި ގްރޫޕުން އިޒްރޭލުގެ ހަނގުރާމަވެރި ޢަމަލުތަކާއި ހިސާރަކުރުން ކުށްވެރިކޮށް، "ނަސްލު ފޮހެލުމުގެ ޢަމަލުތައް ހިންގަމުންދާކަމަށް ނުވަތަ އެކަމުގެ ނުރައްކާ ބޮޑުވެފައިވާ" ކަމަށް ބުނެފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވެ، ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ޙައްޤު ނިގުޅައިގަނެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ސިޓީގައި އިޒްރޭލާ މެދު ފިޔަވަޅު އެޅުމަށާއި، އިޒްރޭލުގެ ވަޒީރުންނަށް ދަތުރުފަތުރު ކުރުން މަނާކުރުމަށާއި، އިނގިރޭސިވިލާތާއި އިޒްރޭލާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން މުރާޖަޢާކުރުމަށް ގޮވާލާފައިވެއެވެ. މީގެ ތެރޭގައި 2030 ވަނަ އަހަރުގެ ރޯޑްމެޕް އެއްބަސްވުން ހިފެހެއްޓުންވެސް ހިމެނެއެވެ.
މި ސިޓީ އައިސްފައިވަނީ ހުޅަނގުގެ ބައެއް ޤައުމުތަކުން އިޒްރޭލުގެ ޢަމަލުތަކާމެދު ފާޑުކިޔަން ފަށާފައިވަނިކޮށެވެ. އިނގިރޭސިވިލާތާއި ފްރާންސް އަދި ކެނެޑާއިން އިޒްރޭލުގެ "ނުލަފާ" ޢަމަލުތައް ކުށްވެރިކޮށްފައިވެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން 54,000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އޭގެ ތެރެއިން 3,901 މީހުން މަރުވެފައިވަނީ 2025 ވަނަ އަހަރުގެ މާރިޗު މެދުން ފެށިގެންނެވެ.
ޔޫރަޕުގެ ބައެއް ގައުމުތަކުން ވަނީ ޔަހޫދީންގެ އަމަލުތަކަކީ ޖެނޮސައިޑް ކަމަށް ސިފަކުރަން ފަށާފައެވެ.






