ޤުރުއާން އަންދާލި މީހާގެ ޝަރިއަތް ފަށައިފި

އިސްލާމްދީނަށް ފުރައްސާރަކޮށް ޤުރުއާން އަންދާލި ތުރުކީ މީހާގެ ޝަރީޢަތް ލަންޑަނުގެ ވެސްޓްމިންސްޓަރ މެޖިސްޓްރޭޓްސް ކޯޓުގައި ފަށައިފިއެވެ.

50 އަހަރުގެ ހަމީދު ކޮސްކުން އަކީ މިދިޔަ ފެބްރުއަރީ 13 ވަނަ ދުވަހު ލަންޑަނުގެ ނައިޓްސްބްރިޖްގައި ހުންނަ ތުރުކީ ކޮންސިއުލޭޓް ކުރިމަތީގައި ކީރިތި ޤުރުއާން އަންދާލައި އިސްލާމް ދީނަށް ހުތުރު ބަހުން ބަސްމޮށުނު މީހެކެވެ.

ކޮސްކުން އަކީ ތުރުކީވިލާތުން ސިޔާސީ ހިމާޔަތަށް އެދި އިނގިރޭސިވިލާތަށް އައިސްފައިވާ މީހެކެވެ. އޭނާ އަކީ ތުރުކީވިލާތުގައި 10 އަހަރާ ގާތްކުރާ މުއްދަތަކަށް ސިޔާސީ ބަންދެއްގައި ހުރި މީހެކެވެ.

އިނގިރޭސިވިލާތަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ޤައުމެއް ކަމުން، އެޤައުމުގައި ޤުރުއާން އަންދާލުމުން އެކަން މައްސަލައަކަށް ވާނެ ކަމަކަށް ނުދެކޭ ކަމަށް މިމީހާ ބުނެއެވެ.

އޭނާއަށް ދައުވާ ކޮށްފައިވަނީ މުސްލިމުންގެ އިޙުސާސްތަކަށް އުނިކަމެއް އަންނަފަދަ ގޮތަކަށް އެދީނަށް އޭނާ ފުރައްސާރަ ކުރުމާއި ކީރިތި ޤުރުއާން އަންދާލުމުގެ ކުށުގައެވެ. ދެ ދައުވާއަށްވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ.

ތުރުކީ މީހާގެ ދިފާއުގައި މަސައްކަތް ކުރަނީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ނެވެ.

ފްރީ ސްޕީޗް ޔޫނިއަންގެ ލޯޑް ޔަންގް އޮފް އެކްޓަން ވަނީ ސުލްޙަވެރި އިހުތިޖާޖާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ ޙައްޤުތަކެއް ކަމަށް ބުނެފައެވެ. އަދި ނޭޝަނަލް ސެކިއުލަރ ސޮސައިޓީގެ ސްޓީފަން އެވަންސް ވަނީ މި މައްސަލައިގައި ކޮސްކުން އަށް އަދަބު ދިނުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ނުރައްކަލެއް ލިބޭނެ ކަމެއް ކަމަށް ބުނެފައެވެ.

މި މައްސަލައަކީ އިނގިރޭސިވިލާތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އާންމު ނިޒާމު ދެމެހެއްޓުމުގެ ޤާނޫނުތަކާ ދެމެދު އޮތް ފުށުއެރުންތަކެއް ހާމަކޮށްދޭ މައްސަލައެއް ކަމަށް މި ދައުވާއަށް ދެކޮޅު ހަދާ ފަރާތްތަކުން ބުނެއެވެ.

 

ހިއްސާ ކުރައްވާ!