އެމެރިކާގެ ރައްޔިތުންގެ ޚިޔާލުތައް ސެންސަރު ކުރާކަމަށް ތުހުމަތު ކުރެވޭ ބޭރު ޤައުމުތަކުގެ އޮފިޝަލުންނަށް ވިސާ ދޫކުރުން ހުއްޓާލާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އިޢުލާން ކުރައްވައިފިއެވެ. މި އިޢުލާނާއެކު، އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތައް ރެގިއުލޭޓް ކުރާ ބޭރު ގައުމުތަކުގެ އޮފިޝަލުންނަށް ފިއްތުން އިތުރުވާނެ ކަމަށް ބެލެވެއެވެ.
ރޫބިއޯ ވަނީ ބޭރު ގައުމުތަކުގެ މަސްއޫލުވެރިން އެމެރިކާގެ ޕްލެޓްފޯމްތަކުގައި ފާޅު ކުރާ ޚިޔާލުތަކާ އަދި އެމެރިކާގައި މީސްމީޑިއާގައި ކުރެވޭ ޕޯސްޓްތަކަށް ހައްޔަރު ކުރުމުގެ އަމުރު ނެރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. މިކަމުގައި ވަކި ޤައުމެއް ނުވަތަ ފަރުދެއްގެ ނަން ހާމަކޮށްފައި ނުވިނަމަވެސް، މި ސިޔާސަތުގެ އަމާޒަކީ ޔޫރަޕިއަން ޔޫނިއަންގެ 'ޑިޖިޓަލް ސަރވިސަސް އެކްޓް' ތަންފީޒުކުރާ ރެގިއުލޭޓަރުންނަށް ކަމަށް ބެލެވެއެވެ.
ފޭސްބުކު ހިންގާ މެޓާ އަދި އެކްސް ފަދަ އެމެރިކާގެ ޓެކް ކުންފުނިތަކުން ބުނާ ގޮތުގައި ޔޫރަޕިއަން ޔޫނިއަންގެ ޑިޖިޓަލް ސަރވިސަސް އެކްޓުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅެއެވެ. ޓްރަމްޕް ސަރުކާރުން ވަނީ ޔޫރަޕުން ކަނާތު ފިޔައިގެ ހަރުކަށި މީހުންގެ ވާހަތައް ސެންސަރު ކުރާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ރޫބިއޯ ވަނީ ދޮގު މަޢުލޫމާތު ފެތުރުމާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކަގެ ޚާރިއްޔާގެ އޮފީހެއް ވެސް ބަންދުކޮށްފައެވެ.
މިވާހަކަ އިޢުލާން ކޮށްފައި ވަނީ ރޫބިއޯ ޖަރުމަނުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރުމުގެ ކުރިންނެވެ. އަދި މިއީ ޔޫރަޕިއަން ޔޫނިއަނުން ޓްރަމްޕްގެ 50 ޕަސެންޓްގެ ޓެރިފް ހުށަހެޅުމުން ސަލާމަތް ވުމަށް ވިޔަފާރި އެއްބަސްވުމެއް ހޯދަން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އައިސްފައިވާ ވާހަކައެކެވެ.
މި ސިޔާސަތާ ގުޅިގެން އެކި ފަރާތްތަކުން ތަފާތު ރައްދުތައް ދީފައިވެއެވެ. މިގޮތުން ރަމްބްލްގެ ސީއީއޯ މި ސިޔާސަތަށް ތާއީދުކޮށްފައިވާއިރު، ބްރެޒިލްއިން ވަނީ މި ސިޔާސަތުގެ ދާއިރާއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ. މި ސިޔާސަތުގެ ސަބަބުން އެމެރިކާއާއި އެހެނިހެން ޤައުމުތަކާ ދެމެދު މިހާރުވެސް އަސަރުކޮށްފައިވާ ގުޅުމަށް އިތުރަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.






