ޣައްޒާގެ މެދުތެރޭ ސަރަހައްދުގައި ހުޅުވާލި އެމެރިކާގެ ކުލީ ސިފައިންނާއި ޔަހުދީން ގުޅިގެން ފަލަސްޠީނު މީހުން އަޅުދާސްތުކޮށް އެހީ ބަހާ މަރުކަޒުގައި ހާލުގައި ޖެހިފައިވާ އެތައް ހާސް އާއިލާތަކުން އެހީ ހޯދުމަށް އެއްވިއެވެ. މިމީހުން އެހީ ލިބިގަތުމަށް އެއްވާއިރަށް މަތިން ޔަހޫދީން އެމީހުންނާ ދިމާއަށް ބަޑި ޖަހައެވެ. އެހީ ބަހާ މަރުކަޒު ކައިރީގައި މިއަދުވެސް އެތައް ގޮއްވުން ގޮއްވާލާފައި ވެއެވެ. ނެޓްޒަރިމް ކޮރިޑޯ ކައިރީގައި ހުޅުވާލި މި މަރުކަޒުގައި އެހީ ބެހުމުގެ މަސައްކަތް އެމެރިކާގެ ކުލީ ސިފައިންނާއި ޔަހޫދީން ކުރިއަށްދަނީ ބޮޑެތި ހަމަނުޖެހުމާ އެކުގައެވެ.
އދ. އިން މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުތަކާއި މިހާރުގެ އެހީ ބެހުމުގެ ނިޒާމާ އަޅާބަލާއިރު، ވަރަށް ބޮޑެތި ތަފާތުތަކެއް ހުރިކަން ހިލޭ މަސައްކަތް ކޮށްދޭ ޖަމުއިއްޔާތަކުން ފާހަގަކުރެވެއެވެ. ޔޫކޭގެ އޮކްސްފާމް އިން ބުނަނީ މިއީ މީހުންގެ އިންސާނީ ކަރާމާތް ނަގާލުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
އދ. އިން އާންމުކޮށް އެހީ ބެހުމުގައި އަމަލުކުރަމުން އައީ ވަރަށް ހަރުދަނާ އަދި ރޭވިފައިވާ ނިޒާމެއްގެ ދަށުންނެވެ. އދ. އިން އެހީ ބެހުމުގައި ބޭނުންކުރަނީ ކޮންމެ އާއިލާއަކަށް ވަކިން މެސެޖު ފޮނުވައި، އެހީ ލިބޭނެ ވަގުތާއި ތަން ކަނޑައަޅައިގެން އެހީ ދެމުން ގެންދާ ނިޒާމެކެވެ. މިގޮތުން އެހީ ބެހުމުގެ މަސައްކަތް ކުރިއަށްދަނީ އޮމާންކަމާއި ރައްކާތެރިކަމާއެކުގައެވެ.
ނަމަވެސް ޣައްޒާގައި އެމރިކާގެ ކުލީ ސިފައިންނާއި ޔަހޫދީން ގުޅިގެން ހިންގާ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން މިހާރު ގެންގުޅޭ ނިޒާމަކީ އިތުރު ހަމަނުޖެހުންތަކަކަށް ގަސްތުގައި މަގުފަހިކުރާ ނިޒާމެއްކަމަށް ފާހަގަކުރެވެއެވެ. މި ނިޒާމުގެ ސަބަބުން އިންސާނީ ކަރާމާތަށް އުނިކަން ލިބޭކަމަށްވެސް އދއާއި އެހީ ދޭ ޖަމާއަތްތަކުން ބުނެއެވެ.





