އެމެރިކާގެ ޓެކްސަސް ސްޓޭޓުން 18 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ހުށަހެޅި ބިލު އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ފާސްކޮށްފައެވެ. މި ބިލަށް ދެ ޕާޓީގެ ތާއީދު ލިބިފައިވާއިރު، ސްޓޭޓްގެމަތިގެ ސެނެޓުން ވެސް މި ބިލު ފާސްވާނެ ކަމަށް ލަފާކުރެވެއެވެ.
މި ޤާނޫނު ތަންފީޒުވުމުން، 2026 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން 18 އަހަރުން ދަށުގެ ކުދިންނަށް ޓިކްޓޮކް، އެކްސް އަދި ފޭސްބުކް އަދި ސްނެޕްޗެޓް ފަދަ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކައުންޓް ހެދުން މަނާވެގެންދާނެއެވެ. އަދި މި ޕްލެޓްފޯމްތަކުން ޔޫޒަރުންގެ އުމުރު ޔަގީންކުރަން ޖެހޭނެއެވެ.
މި ޤާނޫނުގެ ދަށުން، މައިންބަފައިންނަށް އެމީހުންގެ ދަރިންގެ އެކައުންޓްތައް ޑިލީޓްކުރުމަށް އެދެވޭނެއެވެ. އަދި ސޯޝަލް މީޑިއާ ކުންފުނިތަކުން 10 ދުވަހުގެ ތެރޭގައި މިފަދަ އެދުންތަކަށް އިޖާބަދޭން ޖެހޭނެއެވެ. ގަވަރނަރު ގްރެގް އެބޮޓް މި ބިލުގައި ސޮއިކުރައްވައިފިނަމަ، 18 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ފުރަތަމަ ސްޓޭޓަށް އެމެރިކާގެ ޓެކްސަސް ވެގެންދާނެއެވެ.
އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ މި ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނީ އުމުރު ޔަގީންކުރުމަށްޓަކައި ގިނަ އަދަދެއްގެ ޒާތީ މަޢުލޫމާތު އެއްކުރަން ޖެހުމަކީ ޔޫޒަރުންގެ ޕްރައިވަސީއަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ. ހަމައެހެންމެ ގޫގުލްއިން ވެސް ވަނީ މި ޤާނޫނުގެ ސަބަބުން މައުލޫމާތުގެ ސިއްރުކަން ކެނޑުމުގެ ފުރުސަތު އިތުރުވެ، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ކަމުން އެހާ ބޮޑު ފައިދާއެއް ނުކުރާނެ ކަމަށް ބުނެފައެވެ.
ފްލޮރިޑާގައި މިހާރު ވަނީ 14 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ޤާނޫނެއް ތަޢާރަފު ކޮށްފައެވެ. އަދި މި އުމުރު 16 އަހަރަށް އިތުރުކުރުމަށް އެ ސްޓޭޓުން ދަނީ ވިސްނަމުންނެވެ.






