ސެނެގާލްގެ ވެރިރަށް ޑަކާގައި ހުންނަ "ޝެއިޚް އަންތާ ޖޯބް" ޔުނިވަރސިޓީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭ އެކަޑަމިކް ސެމިނާއެއްގައި ބައިވެރިވުމަށް ދިޔަ އިޒްރޭލްގެ ސަފީރު ޔުވާލް ވަކްސްއާ ދިމާއަށް ހަޅޭއްލަވައި އޭނާ ހޯލުން ބޭރުކޮށްލައިފިއެވެ.
ދަރިވަރުންގެ އިހުތިޖާޖާ ގުޅިގެން ޔުނިވަރސިޓީން އެދިފައި ވަނީ އޭނާ އެތަނުން ދިއުމަށެވެ.
ތުރުކީގެ ނޫސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، އިޒްރޭލު ސަފީރު ކޮންފަރެންސް ހޯލަށް ވަނުމާއެކު ދަރިވަރުން އިހުތިޖާޖީ ހަރަކާތެއް ހިންގައި، ފަލަސްތީނުގެ ދިދަ ނަގައި، އޭނާއާ ދެކޮޅަށް އަޑުގަދަކޮށް ޔަހޫދީން ފަލަސްޠީނު މީހުންގެ ލޭބޯކަމަށް ބުނެ އިހުތިޖާޖުކުރިއެވެ.
ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އިހުތިޖާޖުކުރި ދަރިވަރުން ޔުނިވަރސިޓީގެ ތެރޭގައި ސަފީރުގެ ފަހަތުން ދުވެ ހެއްޖެވެ. ފަހުން ސަލާމަތީ ބާރުތަކުގެ ހިމާޔަތުގައި އޭނާ ވަނީ އެތަނުން ބޭރުކޮށްލާފައެވެ. މީގެ ސަބަބުން އޭނާއަށް ވާހަކަ ދެއްކިޔަ ނުދިނެވެ.
މި ހާދިސާ ހިނގާފައިވަނީ، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރމައިގެ ޖަރީމާތަކާ ދެކޮޅަށް ދުނިޔެ ހައްސާސް ވަމުންދާ ދަނޑިވަޅެއްގައެވެ.
ޔަހޫދީ ޔުވާލް ވަކްސް އަކީ މިއަހަރުގެ ކުރީކޮޅު ސެނެގާލްގައި ހުންނަ އިޒްރޭލްގެ އެމްބަސީގެ ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރެވުނު ޔަހޫދީ މީހާއެވެ. އަދި އޭނާއަކީ ގެމްބިއާ، ގިނީ، ގިނީ ބިސާއޯ، ކޭޕް ވަރޑް އަދި ޗާޑުގައި ހުންނަ އިޒްރޭލްގެ ނޮން-ރެސިޑެންޓް ސަފީރުވެސް މެއެވެ. ޖޫން 3 ގައި ޑަކާގެ ފްރީޑަމް ސްކެއަރގައި ފަލަސްތީނަށް ތާއީދުކޮށް ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.






