ސެނެގަލްގައި ފާހަގަކުރާ ޢީދުލް އަޟްޙާ (ތަބާސްކީ) އާ ދިމާކޮށް، އިޒްރޭލުގެ އެމްބަސީން ކޮންމެ އަހަރަކު ފަގީރު ޢާއިލާތަކަށް ބަކަރި ހަދިޔާކުރަމުން އަންނަ ޕްރޮގްރާމަށް މިއަހަރު ފާޑުކިޔުންތައް އަމާޒުވަމުންދެއެވެ.
ސެނެގާލް-ޕަލަސްޠީން ކޯލިޝަންގެ މެންބަރެއް ކަމަށްވާ ސަލިއޫ ބޮކޫމް ވިދާޅުވީ މިއީ ހެޔޮ އެދިގެން ކުރާ ކަމެއް ނޫން ކަމަށާއި، މިއީ އިޒްރޭލުން ހިންގަމުންދާ ޖެނޮސައިޑްގެ ޕީއާރު ސްޓަންޓެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިއަހަރުގެ ބަކަރި ހަދިޔާ ގެ އިތުރުން އެމްބަސީން ހިންގާ ހުރިހާ ޚައިރާތީ މަސައްކަތްތަކެއް ވެސް ބޮއިކޮޓްކުރަން ޖެހޭ ކަމަށެވެ.
2006 އިން ފެށިގެން އިޒްރޭލުގެ އެމްބަސީން ސެނެގަލްގައި މި ޕްރޮގްރާމް ހިންގަމުން އަންނަ ކަމަށާއި، މިއީ ސެނެގަލްއާއެކު ތަރައްގީގެ އެއްބާރުލުން ދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއްގެ ގޮތުގައި އިޒްރޭލުން ބުނެއެވެ. ނަމަވެސް ސެނެގަލް-ފަލަސްޠީން ކޯލިޝަންގެ ފަރާތުން ބުނަނީ މިއީ އިޒްރޭލުގެ ބުރުސޫރަ ރީތި ކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
ސެނެގަލްގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ދުވާލަކަށް 3.20 ޑޮލަރަށްވުރެ މަދުން ކަމަށްވާތީ، ގިނަ ޢާއިލާތަކަށް މި ހަދިޔާ ބަލައިގަތުމަކީ ފަސޭހަ ނިންމުމެކެވެ. ނަމަވެސް އެކްޓިވިސްޓުން ދެކޭގޮތުގައި މި ހަދިޔާ ބަލައިގަތުމަކީ ޣައްޒާގެ ޖަރީމާތަކަށް ފުރަގަސްދިނުން ކަމަށާއި، ޣައްޒާގައި މަރުވަމުންދާ މީހުން ހަނދާން ނެތުން ކަމަށެވެ.
2023 ގެ އޮކްޓޯބަރުން ފެށިގެން އިޒްރޭލުން ވަނީ ޣައްޒާގައި 54,000 އަށްވުރެ ގިނަ މީހުން މަރާލާފައެވެ. އަދި ޣައްޒާގެ 2 މިލިއަން އާބާދީ ބަނޑަހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވެއެވެ. ސެނެގަލްއަކީ 1975 އިން ފެށިގެން އދ. ގެ ޕެލެސްޓައިން ރައިޓްސް ކޮމިޓީގެ ޗެއަރކަން ކުރަމުންދާ ޤައުމެކެވެ.






