ދެ ދައުލަތުގެ ހައްލަކާ ގުޅޭގޮތުން އދ. ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ބައްދަލުވުމުގައި ގިނަ ޤައުމުތަކުން ފަލަސްޠީން ދައުލަތް ބަލައިގަތުމުގެ ބިރު އޮތް ކަމަށް އިޒްރޭލްގެ އިސް އޮފިޝަލުންބުނެއެވެ.
ވައިނެޓްގެ ރިޕޯޓެއްގައި ބުނެފައިވަނީ އެމެރިކާގެ ރުހުމާއެކު ނިއުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމާ މެދު އިޒްރޭލްގެ އޮފިޝަލުން ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ. އިޒްރޭލުން ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން މިހާތަނަށް 54،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިކަމަކީ އިޒްރޭލުން ކޮންމެ ދުވަހަކު ހިންގާ ނަސްލީ މަހާ ޖަނާޒާއެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމައުއިން ދެކެމުންދާ ކަމެކެވެ.
ޖޫން 17 އިން 20 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ ފްރާންސް އަދި ސައޫދީ އަރަބިއްޔާގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އަށް މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި "ފަލަސްޠީނުގެ މައްސަލައިގެ ސުލްހަވެރި ހައްލެއް އަދި ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުން" މި ސުރުހީގެ ދަށުން ޢަމަލީ ލިޔުމެއް އެކުލަވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން ނޮއެލް ބަރޯ ވިދާޅުވެފައިވަނީ މި ބައްދަލުވުމުގައި ފަލަސްޠީން ދައުލަތް ބަލައިގަތުމަކީ ދެ ދައުލަތުގެ ހައްލަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. މޯލްޓާއިން ވަނީ މިހާރުވެސް މި ބައްދަލުވުމުގައި ފަލަސްޠީން ދައުލަތް ބަލައިގަންނާނެކަން އިއުލާންކޮށްފައެވެ.
އެހެންނަމަވެސް، އިޒްރޭލުން ވަނީ ފަލަސްޠީން ދައުލަތް ބަލައިގެންފިނަމަ ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރި ދިރުވާލާނެ ކަމަށް އިންޒާރު ދީފައެވެ.





