ޣައްޒާއަށް ކާނާގެ އެހީ ފޯރުކޮށްދިނުމަށް އދ. އިން ތައްޔާރަށް ތިބި ނަމަވެސް، އިޒްރޭލުން މިހާތަނަށް އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށް އދ. ގެ ކާނާގެ ޙައްޤުތަކާ ބެހޭ ޚާއްޞަ ރެޕަޓުއާ މައިކަލް ފަޚްރީ ވިދާޅުވެއްޖެއެވެ. އިޒްރޭލުން 80 ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ޣައްޒާ ބަނޑަށް ޖެއްސުމަށްފަހު އެމެރިކާގެ ކުލީ ސިފައިންނާއި އިޒްރޭލު ސިފައިން މެދުވެރިކޮށް ދޭ އެހިއަކީ އދން ބަލައިގަންނަ ޒާތުގެ އެހީ އެއް ނޫން ކަމަށް އޭނާ ވިދާޅުވއެވެ. ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އދ. އިން ތައްޔާރަށް އޮތް ކަމަށް ފަޚްރީ ވިދާޅުވިއެވެ.
އިޒްރޭލުން ހުއްދަ ދީފައިވާ "ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން" އަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ނުރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް މީހުންނަށް މަޖުބޫރު ކުރުވާ ކުލީ ބައިގަނޑެއް ހިންގާ ޖަމްޢިއްޔާއެއް ކަމަށް ފަޚްރީ ސިފަކުރެއްވިއެވެ.
މި ޖަމްޢިއްޔާގެ މަޤްޞަދަކީ އުތުރުގައި ތިބި މީހުން ހުސްކޮށް ހަނގުރާމައިގެ ސަރަޙައްދުތަކަށް ދެކުނަށް ފޮނުވައި، އެ މީހުން ނިކަމެތިކޮށް، އަދި އާބާދީ ކޮންޓްރޯލް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީން ކުލީ ސިފައިންނާ ގުޅިގެން މި ކުރާ މަސައްކަތަކީ ނާޒީން ހިންގިފަދަ ކޮންސެންޓްރޭޝަން ކޭމްޕް ހިންގުމުގެ އަމަލެކެވެ.
އދ. ގެ ރެފިއުޖީ އޭޖެންސީއަށް ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ހުއްދަ ދީފައި ނުވާ ކަމަށްވެސް ފަޚްރީ ވިދާޅުވިއެވެ. އޭޕްރީލް މަހުގެ ކުރީކޮޅު އިޒްރޭލުން އިޢުލާން ކުރި އެހީ ފޯރުކޮށްދިނުމުގެ ޕްލޭނަކީ ހުރިހާ ބޮޑެތި އިންސާނީ އެހީގެ ޖަމްޢިއްޔާތަކުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ކުށްވެރިކޮށްފައިވާ ޕްލޭނެއްގެ ދަށުން މީހުން އަޅުދާސް ކުރުމަށް ހިންގާ ޕްލޭނެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.





