ޔަމަނުގެ ދިފާއީ ވުޒާރާގެ އިސް މަސްދަރަކުން އިސްރާއީލުގައި މަސައްކަތްކުރާ ބޭރުގެ އިންވެސްޓަރުންނާއި ކުންފުނިތަކަށް އަވަހަށް އެ ޤައުމު ދޫކޮށް ދިއުމަށް އިންޒާރު ދީފިއެވެ.
ޔަމަނުގެ ސަބާ ނިއުސް އޭޖެންސީއަށް ދެއްވި ބަޔާނެއްގައި އެ މަސްދަރުން ވިދާޅުވީ، އިންވެސްޓްކުރުމަށް ހިފާފައިވާ ފަލަސްޠީނުގައި އިންދާފައިޥާ އިސްރާއީލު އިތުރަށް ރައްކާތެރި ތަނަކަށް ނުވާނެ ކަމަށާއި، މިހާރު އޮތް ފުރުސަތުގައި އަވަހަށް އެތަން ދޫކޮށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އެ މަސްދަރުން އިތުރަށް ވިދާޅުވީ، ޔަމަނުގެ މިސައިލްތަކަކީ ހަމަލަ ދެވޭ ޒާތުގެ ގިނަ ބޯތަކާއެކު ފަރުމާކުރެވިފައިވާ މިސައިލްތަކެއް ކަމަށާއި، އެ މިސައިލްތަކަށް ހުރަސްއެޅުނު ކަމުގައިވިޔަސް އެއިން އެއްބައި ސަލާމަތް ވެގެން އިތުރު ލަނޑުދަނޑިތަކަކަށް ފޯރައި ބޮޑެތި ގެއްލުން ދޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިސްރާއީލުގެ ދިފާއީ ނިޒާމުތަކަކީ ބޭކާރު ތަކެއްޗަށް ވެގެންދާނެ ކަމަށެވެ.
އިތުރަށް އެ މަސްދަރުން ވިދާޅުވީ، ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ހިސާރަ ކުރުމާއި ބަނޑަށް ޖެއްސުން ނިމުމަކަށް ނާންނަހާ ހިނދަކު، އިސްރާއީލަށް އަމާޒުކޮށް ފޮނުވާލެވޭ މިސައިލްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި ކޮންމެ ޔަހޫދީއަކުވެސް އެމީހެއްގެ ބޮލުގައި އަތްލާ ރައްކާތެރިވާން ބަލަންވާނެ ކަމަށް އިންޒާރު ދެއްވިއެވެ.
އިސްރާއީލުގެ ރައްޔިތުންނަށް އަމާޒުކޮށް އެ މަސްދަރުން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންގެ ދުވާލާއި ރޭގަނޑު ހޭދަކުރަން ޖެހޭނީ ބިންގަރާސްތަކުގައި ބޮނދައިގެން ތިނބުމުގައެވެ.
އިއްޔެ، ޔަމަނުގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ރައީސް މަހްދީ އަލްމަޝާޠް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި އިސްރާއީލުގެ މަތިންދާބޯޓުތަކަކީ ދުނިޔެއަށް މަލާމާތުގެ ނިޝާނަކަށް ވެގެންދާނެ ކަމަށެވެ. އަދި ޔަމަނުގެ ބާރުތަކަށް އެހެން ޤައުމުތަކުގެ މަތިންދާބޯޓުތަކާއި ކަނޑުގެ ދަތުރުފަތުރަށް އެއްވެސް ގެއްލުމެއް ނުދީ، ދުޝްމަނުންގެ މަތިންދާބޯޓުތަކާ ކުރިމަތިލާނެ ކަމަށް ވިދާޅުވިއެވެ.






