ހޮލިވުޑްގެ މަޝްހޫރު ތަރި ރޮބަރޓް ޑި ނީރޯ (81އަހަރު) އަލުން ކައިވެނި ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ. ނަމަވެސް، އޭނާގެ މިހާރުގެ ގާތް ރަހުމަތްތެރިޔާ އަދި ދަރިފުޅުގެ މަންމަ ޓިފަނީ ޗެން (46އަހަރު) އާއި ކައިވެނި ކުރުމުގެ ކުރިން އަގުދު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެ ކަމަށް ޑި ނީރޯ ބުނެފައިވެއެވެ.
ރޭޑާ އޮންލައިންއިން ރިޕޯޓް ކުރި ގޮތުގައި، ޓިފަނީ ޗެން ވަނީ ޑި ނީރޯއާ ކައިވެނި ކުރުމަށް ބޭނުންވެފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ޓިފަނީ ވަނީ ޑި ނީރޯގެ ހަތްވަނަ ދަރިފުޅު ޖިއާ ވާޖީނިއާ ޗެން-ޑި ނީރޯ ވިހާފައެވެ. އެހެންނަމަވެސް، ޑި ނީރޯ ވަނީ ކައިވެނި ކުރަން ފަސްޖެހިފައެވެ.
"ޓިފަނީ ކައިވެނި ކުރަން ބޭނުންވާކަން އެންމެންނަށްވެސް އެނގޭ. ޖިއާ އުފަންވީއްސުރެ އޭނާ ދަނީ ކައިވެނި ކުރުމަށް ބާރުއަޅަމުން،" މި މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުންޏެވެ.
ޑި ނީރޯ ވަނީ ކުރިން ދެ ފަހަރެއްގެ މަތިން ވަރިވެފައެވެ. އަދި ކުރީގެ އެސިސްޓަންޓަކާ ބެހިގެން އޭނާގެ މައްޗަށް ދައުވާ ކުރުމާ ގުޅިގެން ބޮޑު އަދަދެއްގެ ފައިސާ ދައްކަން ވެސް ޖެހުނެވެ. މިހާރު ޑި ނީރޯ ދަނީ އޭނާގެ 500 މިލިއަން ޑޮލަރުގެ މުދާ ރައްކާތެރިކުރުމަށް މަސައްކަތް ކުރަމުންނެވެ.
"އޭނާ ޓިފަނީއާއި އެމީހުންގެ ކުޑަ އާއިލާ ދެކެ ވަރަށް ލޯބިވޭ. އެކަމަކު ރަސްމީ ގޮތެއްގައި ކައިވެނި ކޮށްގެން ގުޅުން ހަލާކުވެދާނެތީ އޭނާ ކަންބޮޑުވޭ،" އިތުރު މައުލޫމާތު އޭނާގެ ގާތް ދިން ފަރާތަކުން ބުންޏެވެ.







