އަފްޣާނިސްތާނާއި ޕާކިސްތާން ރޭލުން ގުޅާލަނީ

ޕާކިސްތާނުގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރ ސެނެޓަރ އިސްހާޤް ދާރާއި އަފްޣާނިސްތާނުގެ އެކްޓިންގ ފޮރިން މިނިސްޓަރ މައުލަވީ އަމީރު ޚާން މުއްތަޤީ ވަނީ އުޒްބެކިސްތާން-އަފްޣާނިސްތާން-ޕާކިސްތާން (ޔޫއޭޕީ) ގެ 3 ގައުމުގެ މެދުގައި ދަތުރު ކުރާ ރޭލްވޭ ލައިން މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މި މަޝްރޫޢަކީ ސަރަޙައްދީ ގުޅުން ބަދަހިކުރުމަށް ވަރަށް މުހިންމު މަޝްރޫޢެއް ކަމުގައި ދެ ވަޒީރުން ވަނީ ފާހަގަކުރައްވާފައެވެ.

އާދީއްތަ ދުވަހު ބޭއްވުނު ޓެލެފޯން މަޝްވަރާގައި، މި މަޝްރޫޢުގެ އޮނިގަނޑުގެ އެއްބަސްވުން އަވަހަށް ނިންމުމަށް ގާތުން މަސައްކަތްކުރުމަށް ދެ ފަރާތުން އެއްބަސްވެ ވަޑައިގަތެވެ. މީގެ ކުރީ ދުވަހު، ވަޒީރު ދާރު ވަނީ އުޒްބެކިސްތާނުގެ ފޮރިން މިނިސްޓަރ ސައިދޯވް ބަޚްތިޔޯރު އާދިލޯވިޗްއާވެސް ފޯނުން މަޝްވަރާކުރައްވައި، މި އެއްބަސްވުމުގެ ތަފްސީލުތަކާއި ސޮއިކުރުމުގެ ރަސްމިއްޔާތާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޔޫއޭޕީ ރޭލްވޭ ލައިން މަޝްރޫޢަކީ ތިން ޤައުމުގެ މެދުގައި ހިންގޭ މަޝްރޫޢެއް ކަމަށްވާއިރު، މި މަޝްރޫޢުގެ ސަބަބުން މެދު ތެރޭ އޭޝިޔާ އާއި ގްވާދަރު އަދި ކަރާޗީ ބަނދަރުތައް އަފްޣާނިސްތާނާ ގުޅުވާލެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން ތަޝްކެންދާއި ޕެޝަވާރު، ކާބުލް ގުޅުވާލުމަށް 573 ކިލޯމީޓަރުގެ ރޭލު މަގެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ އަގު އަންދާޒާކުރެވެނީ 4.8 ބިލިއަން ޑޮލަރަށެވެ.

މީގެ އިތުރުން، ޕާކިސްތާން އަފްޣާނިސްތާން ގެ ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން އެމްބެސެޑަރު ފެންވަރަށް އަޕްގްރޭޑްކުރުމާ ގުޅޭގޮތުން ވެސް ދެ ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ޕާކިސްތާނުން މި ނިންމުން ނިންމާފައިވާތީ އަފްޣާނިސްތާނުންވެސް ވަނީ އެ ގޮތަށް ޢަމަލުކުރަން ނިންމާފައެވެ. މީގެ ކުރިން އަފްޣާނިސްތާނާއެކު އެމްބެސެޑަރުން ބަދަލު ކުރީ ޗައިނާއާއި ޔޫއޭއީންނެވެ.ADV

ހިއްސާ ކުރައްވާ!