އެހީ ހޯދަން ދިޔަ 70 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ދެކުނުގައި ރަފަޙަ ސަރަހައްދުގައި އެހީ ހޯދުމަށް މަސައްކަތްކުރި ބަޔަކަށް އަމާޒުކޮށް ހިންގި އަނިޔާވެރި ހަމަލާއެއްގައި އަންގާރަ ދުވަހު 70 މީހަކު ޝަހީދު ކޮށްލައިފިއެވެ. މިމީހުން ޝަހީދުކޮށްލީ،  އެމެރިކާގެ އެހީގެ ޝިޕްމަންޓް ކައިރިވަމުން ދަނިކޮށް، އިޒްރޭލު ޓޭންކުތަކުން އާންމުންނަށް ސީދާ އަމާޒުކޮށް ދިން ހަމަލާއެއްގައެވެ.

އުތުރުގެ ޣައްޒާ ސިޓީގައި އިޒްރޭލުން ދިން ބޮމުގެ ހަމަލާއެއްގައި އައްރިމާލް އަވަށުގެ ގޭގެއަށް އަމާޒުކޮށް ދިން ހަމަލާގައި 8 މީހަކު ޝަހީދު ކޮށްފައިވެއެވެ.

ޣައްޒާގެ އުތުރުގެ ޖަބާލިއާ އަލްބަލަދު އަދި ޝުޖާޢިއްޔާ ސަރަހައްދަށް ދިން ހަމަލާތަކުގައި އިތުރު ބަޔަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމް ކޮށްފައި ވެއެވެ.

ޣައްޒާގެ މެދުތެރޭ ސަރަހައްދުގައި އާންމުންގެ ގެތަކަށް އަމާޒުކޮށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން އައްތުއްފާ އަވަށާއި ނުސެއިރާތު ރެފިއުޖީ ކޭމްޕްގައި ވެސް ގިނަ އަދަދެއްގެ މީހުން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަޚަމް ކޮށްފައި ވެއެވެ.

ޣައްޒާގެ ދެކުނުގައި، ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދަށް އިޒްރޭލުން ދިން ހަމަލާއެއްގައި ދެ މީހަކު ޝަހީދު ކޮށްފައި ވެއެވެ. އަދި ޚާން ޔޫނިސްގެ އުތުރުން އޮންނަ އަލްކަތީބާ ސަރަހައްދަށްވެސް ވައިގެ ހަމަލާއެއް ދީފައިވެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ގައްޒާގެ ހަސްފާތާލުތަކަށް 40 ޝަހީދުންނާއި ޒަޚަމްވެފައިވާ 208 މީހުން ގެނަސްފައި ވެއެވެ.

އެ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި އަޤްޞާޠޫފާން ފެށުނު ފަހުން ޝަހީދުވި މީހުންގެ އަދަދު 54،510 އަށް އަރާފައިވެއެވެ. ގިނަ ޝަހީދުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އަނިޔާތައް ލިބި ޒަޚަމްވި މީހުންގެ އަދަދު 124،901 އަށް އަރާފައި ވެއެވެ.

މީގެ އިތުރުން އެތައް ބަޔަކު ވަނީ ވެއްޓިފައިޥާ އިމާރާތްތައް ދަށުވެފައެވެ. އެމީހުން އެތަންތަނުން ނެގޭނެ ގޮތެއް ނެތެވެ. ޔަހޫދީން ވަނީ ސިވިލް ޑިފެންސްގެ ޓީމުތަކުން ބޭނުން ކުރާ އުޅަނދުތަކަށްވެސް ހަމަލަދީ އެތަކެތި ވެސް ހަލާކުކޮށްލާފައެވެ.

ހިއްސާ ކުރައްވާ!