ޔަހޫދީ ޠާލިބާނުންނާއި އިޒްރޭލުގެ އިދިކޮޅު ޕާޓީތަކުން ނަތަންޔާހޫގެ ސަރުކާރު ވައްޓާލަން ނިންމައިފި | އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތައް ކުރިއަށް ގެންދަން އެމެރިކާ ބޭނުން

ޔަހޫދީންގެ ޠާލިބާން ސްޓައިލްގެ ޕާޓީކަމަށްވާ ޔުނައިޓެޑް ތައުރާތުން ވަނީ އިޒްރޭލުގެ ޕާލަމެންޓްގައި ތިބި އެ ޕާޓީގެ މެމްބަރުން އިސްތިއުފާ ދިނުމަށް އަންގާފައެވެ. ޔުނައިޓެޑް ތައުރާތު ޕާޓިއަކީ ޔަހޫދީންގެ ސަލަފީ ފިކުރުގެ މީހުން ނިސްބަތްވާ ޕާޓީއެވެ.

މިމީހުންނާއި ނަތަންޔާހޫއާ ދެކޮޅުވެފައި ވަނީ، ޔަހޫދީންގެ ސަލަފީ ވިސްނުމުގެ މީހުން ހިންގާ ދީނީ މަދަރުސާތަކުގައި ދީން ކިޔަވާ ޔަޝީވާ ތާލިބާނުން ގަދަކަމުން ސިފައިންގެ ޚިދުމަށް ނެރުމަށް މަޖުބޫރު ކުރުމުންނެވެ.

ޔުނައިޓެޑް ތައުރާތުގެ މެމްބަރުން އިސްތިއުފާ ދިނުމަށް އެންގުމާ ގުޅިގެން އިދިކޮޅު ލީޑަރުން ވަނީ ނަތަންޔާހޫގެ ސަރުކާރަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ނިންމާފައިވާ ކަމަށް އިއުލާން ކޮށްފައެވެ.

ނަތަންޔާހޫއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭއިރު އޭނާ އުޅެނީ ކޯޓުގައި އޭނާއާ ދެކޮޅަށް ޝަރިއަތް ކުރަމުންދާ ކޮރަޕްޝަންގެ 5 އަހަރު ވެފައިވާ މައްސަލާގައި ޖަވާބު ދާރީ ވުމުގައެވެ. ހެކި ހުށަހެޅުން ނިމިފައިވާތީ އިއްޔެއިން ފެށިގެން އޭނާ ދަނީ ދައުވާއަށް ޖަވާބުދާރީ ވަމުންނެވެ.


 އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތައް ކުރިއަށް ގެންދަން އެމެރިކާ ބޭނުން

ޣައްޒާގައި ޒަޔަނިސްޓު ސަރުކާރުން ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތައް ވަގުތުން ހުއްޓުވައި، ހަމާސްގެ މެހުމާންދާރީގައި ތިބި ހަނގުރާމައިގެ އަސީރުން ދޫކޮށްލައި، ޒަޔަނިސްޓުން ބަނޑަށް ޖައްސާފައިވާ ޣައްޒާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލާ ޤަރާރަކަށް އދ. ގެ ސަލާމަތީ މަޖިލީހުން މިއަދު ވޯޓަށް އަހާނެ އެވެ. މި ޤަރާރު ވީޓޯކޮށް ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދިއުމަށާއި ބަނޑަށްޖެއްސުން އެގޮތުގައި ބޭއްވުމަށް އެމެރިކާއިން ބޭނުންވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

15 މެންބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުން މިފަދަ ޤަރާރަކަށް ވޯޓަށް މި އަހަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ތަން ބަލަން ތިބުމަށްފަހު، ނޮވެމްބަރު މަހަށް ފަހު ފުރަތަމަ ފަހަރަށެވެ. އޭގެ ކުރިންވެސް މިފަދަ ގަރާރަކަށް ވޯޓަށް އެހުމުން، އިޒްރޭލަށް ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ފައިސާއާއި ހަތިޔާރުދޭ އެމެރިކާއިން ވަނީ އެ ގަރާރު ވީޓޯ ކޮށްފައެވެ.

މިއަދު ހުށަހެޅޭ އައު ޤަރާރުގައި "ޣައްޒާގައި ވަގުތުން، ޝަރުތެއް ނެތި އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓުމަށް" ގޮވާލާފައިވެއެވެ. އަދި ހަމާސް އާއި އެހެނިހެން ގްރޫޕްތަކުގެ މެހުމާންދާރީގައި ތިބި އަސީރުން "ވަގުތުން، ޝަރަފުވެރިކަމާއެކު އަދި ޝަރުތެއް ނެތި" ދޫކޮށްލުމަށްވެސް ގޮވާލާފައިވެއެވެ.

ޣައްޒާގެ އިންސާނީ ހާލަތު "ނުރައްކާތެރި" މިންވަރަކަށް ގޮސްފައިވާކަން ފާހަގަކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށްވެސް ޒަޔަނިސްޓު ދައުލަތަށް މި ޤަރާރުގައި ގޮވާލާފައިވެއެވެ.

މި ޤަރާރަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. ނަމަވެސް ގިނަ ޑިޕްލޮމެޓުން ބުނާ ގޮތުގައި އެމެރިކާއިން މި ޤަރާރު ވީޓޯކުރާނެ އެވެ. ސަލާމަތީ މަޖިލީހުގެ 10 އިންތިޚާބީ މެންބަރުން މި ޤަރާރު ހުށަހަޅައި، އެމެރިކާއާއެކު މަޝްވަރާކުރަން މަސައްކަތްކުރި ނަމަވެސް އެކަމަށް އެމެރިކާއިން ފުރުސަތުދީފައި ނުވާ ކަމަށްވެސް ޑިޕްލޮމެޓުން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!